ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ގިލްގިޓް-ބަލްޓިސްތާނުގައި އާންމު އިންތިހާބެއް ބާއްވަން ޕާކިސްތާނުން ނިންމުމާ ގުޅިގެން، އިންޑިއާއިން އެކަމާ ދެކޮޅު ހަދައި ރަސްމީކޮށް ނުރުހުން ފާޅުކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ބާއްވަން ހަމަޖެހިފައިވާ މި އިންތިހާބަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށެވެ.

އެމްއީއޭގެ ބަޔާނުގައި ބުނީ، ޖައްމޫ އެންޑް ކަޝްމީރާއި ލަދާހްގެ އިތުރުން ގިލްގިޓް-ބަލްޓިސްތާނަކީ 1947 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބައެކެވެ. އެހެންކަމުން، ޕާކިސްތާނުން ގަވާއިދާ ހިލާފަށް ހިފާފައިވާ ސަރަހައްދުތަކަށް ބަދަލުތަކެއް ގެންނަން ކުރާ ކޮންމެ މަސައްކަތަކާ އިންޑިއާއިން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ. އިންޑިއާއިން ދެކޭ ގޮތުގައި ޕާކިސްތާނަށް އެ ސަރަހައްދުގައި އެއްވެސް އިދާރީ ނުވަތަ ސިޔާސީ ބަދަލެއް ގެނައުމުގެ ހައްގެއް ނޯންނާނެއެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުން ބުނެފައިވަނީ ޕާކިސްތާނުން އިންތިހާބު ބާއްވަން އުޅެނީ އެ ސަރަހައްދުގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި، ސިޔާސީ ގޮތުން ކުރާ ފިއްތުންތަކުގެ އިތުރުން އިގުތިސޯދީ ގޮތުން ރައްޔިތުންނަށް ދެމުންދާ ގެއްލުންތައް ފޮރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޕާކިސްތާނުން ގަވާއިދާ ހިލާފަށް ހިފާފައިވާ އިންޑިއާގެ ސަރަހައްދުތައް ވަގުތުން ދޫކޮށްލުމަށް ވެސް އިންޑިއާއިން ވަނީ ގޮވާލައިފައެވެ.

ގިލްގިޓް-ބަލްޓިސްތާނަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ މައްސަލަ އުފެދިފައިވާ ކަޝްމީރު ސަރަހައްދުގެ ބައެކެވެ. ދެ ގައުމުން ވެސް މުޅި ކަޝްމީރަކީ އެމީހުންގެ ތަނެއް ކަމަށް ދައުވާ ކުރާ އިރު، ދެ ގައުމުން ކޮންޓްރޯލް ކުރަނީ ކަޝްމީރުގެ ދެ ފަޅިއެވެ. ޕާކިސްތާނުން ގިލްގިޓް-ބަލްޓިސްތާނުގެ އެސެމްބްލީ އިންތިހާބު ބާއްވަން ތައްޔާރުވަމުންދާ އިރު، އިންޑިއާއިން ވަނީ މި މައްސަލައިގައި ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފައެވެ.