އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މާލްވިޔާ ނަގަރުގައި ހުންނަ ހޮޓަލެއްގައި މި ހަފުތާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަނުގެ ކައްކާ ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު "ފްލޮރިޝް ސްޓޭ" ނަމަކަށް ކިޔާ ހޮޓަލުގައި ހިނގި މި ހާދިސާގައި 21 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 13 ބިދޭސީން ހިމެނޭ ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 65 އަހަރުގެ ކޭޝަވް ނޭގީ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ވަނީ ފަރުވާކުޑަކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވި ކަމުގެ ތުހުމަތުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް އޭނާ ދިން ބަޔާނުގައި ބުނި ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ ބަދިގޭގައި ހުރި ފްރަޔަރެއް ޖެއްސި ވަގުތު އެއިން ކަރަންޓު ޝޯޓެއްވުމުގެ ސަބަބުންނެވެ. އަލިފާން ރޯވުމާއެކު ހޮޓަލުގެ މެއިން ސްވިޗުން ކަރަންޓު ކަނޑާލުމަށްފަހު އޭނާ އެ ތަނުން ނުކުމެގެން ދިޔައީ ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، ކަރަންޓު ކަނޑާލުމުގެ ސަބަބުން ހޮޓަލުގެ އިލެކްޓްރޯނިކް ދޮރުތައް ތަޅުލެވި، ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވީއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ގިނަ މީހުން މަރުވެފައިވަނީ އަލިފާނުގެ ސަބަބުން ފިހިގެންނަށް ވުރެ ބޮޑަށް، ދުމުގެ އަސަރުކޮށް ނޭވާ ހާސްވެގެންނެވެ. މަރުވި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ތިބި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހޮޓަލުގެ ވެރިމީހާ ލަވްކޭޝް ބަޖާޖު ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވާގޮތުގައި އެ ހޮޓަލަކީ ހަ ކޮޓަރި ހިންގުމުގެ ހުއްދަ އޮތް ތަނެއް ނަމަވެސް، ގަވާއިދާ ހިލާފަށް 28 ކޮޓަރި ހަދައިގެން ހިންގަމުންދިޔަ ތަނެކެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެ ތަނުގައި ފުރިހަމަކޮށްފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ