އިއްޔެ ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އައްޑޫގައި ބެހެއްޓި ފޮށިތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ކާމިޔާބީން ލިބޭ ހިތްވަރަކީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުން ކަަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުޑަ ތަފާތަކުން އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު 1،313 ވޯޓު ހޯއްދެވި އެވެ.

ވޯޓުގެ ވަގުތީ ނަތީޖާއާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ސައީދުގެ ކެމްޕެއިން ޓީމަށް ތައުރީފު ހައްގު ކަމަށާއި އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އިންޝާ ﷲ މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުއިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ، ސައީދުގެ ކެމްޕެއިންގައި ދެ ބުރެއްގެ މަތިން އައްޑުއަށް ވަޑައިގެންފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.