މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދުގެ މަގުތައް އެއްކޮށް ބަންދުކުރުމަށް ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ތާރުއެޅުމުގެ މަސައްކަތަށް މިރޭ މެންދަމު 00:00 އިން ފެށިގެން މަސައްކަތް ކުރިއަށްދާ ސަރަހައްދު އެއްކޮށް ބަންދުކުރެވޭނެ ކަމަށެވެ.

އެގޮތުން އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ.

ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް ތާރު އެޅުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.