މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހިތަދޫގައި ބެހެއްްޓި ވޯޓު ފޮށިތަކުގެ އަގުލަބިއްޔަތު ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ކަމަށާއި އެއީ ލިބުނު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ބުނެފިއެވެ،
ކުޑަ ތަފާތަކުން އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސައީދަށް ގިނަ އަދަދެއްގެ ވޯޓު ދީ ޕީއެންސީއަށް އޮތް ތާއީދު ދައްކުވައިދިނީތީ ހިތަދޫ އިތުރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޕީއެންސީން ބުނީ މި އިންތިހާބުގައި އައްޑޫ ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށްޓާއި މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަގުލަބިއްޔަތު ލިބުނީ ސައީދަށް ކަމަށެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓު ފޮށުތަކުގެ ޖުމްލަ އަގުލަބިއްޔަތުވެސް ލިބުނީ ސައީދަށް ކަމަށެވެ.
"މިއީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތްކުރަމުން އައި ދަނޑިވަޅެއްގައި އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި މި ޕާޓީއަށް ހޯދުނު ކާމިޔާބީއެއް ކަމުގައި ދެކެމެވެ." ޕީއެންސީން ބުންޏެވެ.
ޕީއެންސީން ވަނީ ބައި-އިލެކްޝަންގައި ސައީދާއެކުގައި މަސައްކަތްކުރި ކެންޕެއިން ޓީމުތަކަށް ޕާޓީގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
އެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ސައީދު 1،313 ވޯޓު ހޯއްދެވި އެވެ.
އަލީ ޔާމިން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް