ހުސްވެފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހޮވުމަށް މިއަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓް ލެވޭ ގަޑި 5:00 އަށް އިތުރުކޮށްފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން މީގެ ކުރިން ގެންދަން ނިންމާފައިވަނީ މިއަދު ހަވީރު 4:00 ގެ ނިޔަލަށެވެ.
ނަމަވެސް އީސީން މިހާރު ވަނީ 1 ގަޑިއިރު އިތުރުކޮށް ވޯޓުލުން ހަވީރު 5:00 އާ ހަމައަށް ދަންމާލައިފައެވެ.
އީސީއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ހަވީރު 4:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 62 ޕަސެންޓު މީހުންނެވެ. އެއީ 2563 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 1370 އަންހެނުންނާއި 1193 ފިރިހެނުންނެވެ.
މި އިންތިހާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުމަވަންތަ ސްކޫލުގައެވެ. އަދި އައްޑޫގައި ވޯޓުލުން ކުރިއަށްދަނީ ހިތަދޫ ސްކޫލުގައެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ ވެރިކަން ހިންގާ ޕީއެންސީން ވާދަކުރާ އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީން ވާދަކުރާ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން