ބަންގްލަދޭޝް ގައުމީ ފުޓުބޯޅަ ޓީމުން ޔޫރަޕްގައި ކުޅުނު ތާރީހީ ފުރަތަމަ މެޗުގައި ސެން މެރީނޯ ކައިރިން މޮޅުވެއްޖެއެވެ.

ފީފާ ރޭންކިންގެ 181 ވަނައިގައި އޮތް ބަންގްލަދޭޝްއިން ރޭންކިން 211 ވަނައިގައި އޮތް ސެން މެރީނޯ ކައިރިން ރޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ބަންގްލަދޭޝްގެ ކޯޗުކަމާ އަލަށް ހަވާލުވި ތޯމަސް ޑޯލޭގެ ފުރަތަމަ މެޗެވެ.

ޔޫރަޕްގެ ފަސްގަނޑުގައި ބަންގްލަދޭޝްއިން ކުޅުނު ފުރަތަމަ މެޗުން ރޭ މޮޅުވުމަށް ކުރި މަސައްކަތުގައި އެޓީމުން ފުރަތަމަ ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ޓޯޕޫ ބާމަންއެވެ.

ސެން މެރީނޯގެ ސްޓޭޑިއޯ އޮލިމްޕިކޯ ޑި ސެރަވޭ ގައި ބަންގްލަދޭޝްއިން ފުރަތަމަ ލީޑު ނެގި ނަމަވެސް، 31 ވަނަ މިނެޓުގައި މެޗު އެއްވަރުވިއެވެ. އެ ގޯލް ޖަހައިދިނީ ނިކޮލަސް ޖިއަކޮޕެޓީއެވެ. މެޗުން ބަންގްލަދޭޝް މޮޅުވީ، 86 ވަނަ މިނެޓުގައި ޓޯޕޫ ޖަހައިދިން އޭނާގެ ދެވަނަ ގޯލާއެކުގައެވެ.

މިފަހަރު ސެން މެރީނޯ މެޗަށް ދާން ވެގެން ބަންގްލަދޭޝްއިން ރާއްޖޭގައި އޮތް ޑައިމަންޑް ޖުބިލީ މުބާރާތަށް ފޮނުވާފައި ވަނީ އެގައުމުގެ 23 އަހަރުން ދަށުގެ އޮލިމްޕިކް ޓީމެވެ. އެޓީމުން ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅުނު ދެމެޗުންވެސް ވަނީ އެއްވަރު ކޮށްފައެވެ.