ޖަޕާނަށް އެރި ބާރުގަދަ ތޫފާން ޖަންގްމީ އާއި މެދުއިރުމަތީގެ ހަކަތައިގެ ކާރިސާއާ ގުޅިގެން، އޭޝިއާގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް، ހާއްސަކޮށް ޕްލާސްޓިކް އުފައްދާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެއެވެ.

ގަޑިއަކު 80 މޭލުގެ ބާރުމިނުގައި ވައިޖެހުނު މި ތޫފާނުގެ ސަބަބުން ޖަޕާނުގެ އެއް މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، މިއީ ސަރަހައްދީ ސަޕްލައި ޗޭނަށް ދިމާވި ވަރަށް ބޮޑު ހުރަހެކެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނި ގޮތުގައި، ތޫފާން ޖަންގްމީ އޮކިނާވާއިން ފެށިގެން ޖަޕާނުގެ މައި ރަށްތަކަށް ދަތުރުކޮށްފައިވާ އިރު، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ކާރުހާނާތަކުގެ މަސައްކަތްތަކަށާއި މުދާ އުފުލުމުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ.

މި ގުދުރަތީ ކާރިސާގެ އިތުރުން، އޭޝިއާގެ ކާރުހާނާތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލުގެ ބާވަތެއް ކަމަށްވާ "ނެފްތާ" ލިބުން ދަތިވުމެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ހުރަސްކުރާ ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅުމާ ގުޅިގެން، ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ މައިގަނޑު މާއްދާ ކަމަށްވާ ނެފްތާގެ އަގު ވަނީ އޭޝިއާގެ ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފައެވެ. ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން އޭޝިއާގައި ނެފްތާގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނައަށް ބޮޑުވެފައެވެ.

ސިނާއީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ނެފްތާ ލިބުން ދަތިވުމުގެ ސަބަބުން ދެކުނު ކޮރެއާ އާއި ޖަޕާނުގެ ބޮޑެތި ކެމިކަލް ކާރުހާނާތަކުގެ މަސައްކަތްތައް ވަނީ މަޑުޖައްސާލަން ޖެހިފައެވެ. އަދި މީގެ ސަބަބުން ޕެކޭޖިން، ކޮތަޅު އަދި އެހެނިހެން ޕްލާސްޓިކް އުފެއްދުންތަކުގެ އަގު އުފުލި، ބާޒާރުގައި މި ތަކެތި ލިބުން ވަނީ ދަތިވެފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ތެލުގެ އަގަށް އަންނަ ކުދި ބަދަލުތަކަށްވުރެ ބޮޑަށް، މިފަދަ ސަޕްލައިގެ ދަތިކަމެއްގެ ސަބަބުން މުޅި އުފެއްދުންތެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު މާ ބޮޑުވާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތޫފާނުގެ ސަބަބުން އައި ލޮޖިސްޓިކްސްގެ ހުރަސްތަކާއި، ހަކަތައިގެ ކާރިސާގެ ސަބަބުން އައި ރޯމެޓީރިއަލްގެ ދަތިކަމާއެކު، އޭޝިއާގެ އުފެއްދުންތެރިން މިހާރު ދަނީ އެފަރާތްތަކުގެ ސަޕްލައި ޗޭންތައް އަލުން ރާވައި، ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.