އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުންނަ "ފްލޯރިޝް ސްޓޭ" ހޮޓަލުގައި އަލިފާން ރޯވެ 21 މީހުން މަރުވި ހާދިސާއާ ގުޅިގެން، އެ ހޮޓަލުގެ ވެރިމީހާ ލަވްކޭޝް ބަޖާޖް ދިއްލީ ފުލުހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 12 ބިދޭސީން ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އެ ސަރަހައްދުގައި ހުންނަ މެކްސް ހޮސްޕިޓަލުން ބޭސްފަރުވާ ކުރުމަށް ގޮސް ތިބި އެފްރިކާގެ ގައުމުތައް ކަމަށްވާ ލައިބީރިއާ، ނައިޖީރިއާ އަދި މޮޒަމްބީކްގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ދިއްލީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެހާ ގިނަ ބަޔަކު މަރުވާން މެދުވެރިވީ ހޮޓަލުގެ އިމާރާތުގެ ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ ސަބަބުންނެވެ. އެގޮތުން، އެ އިމާރާތުގައި އަލިފާން ނިއްވާ ނިޒާމެއް ނެތުމާއި، ވައި ދައުރުވާނެ ގޮތެއް ނެތި ހުރިހާ ކުޑަދޮރުތަކެއް ބިއްލޫރި ޖަހައި ބަންދުކޮށްފައި ހުރުން ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކަރަންޓު ކެނޑުމާއެކު ހޮޓަލުގެ މައި ދޮރު ތަށިވެ، މީހުންނަށް ބޭރަށް ނުނިކުމެވުނު ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފައެވެ. އަލިފާން ރޯވުމާއެކު ބައެއް މީހުން އިމާރާތުގެ މަތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
އެ ހޮޓަލަކީ ހަ ކޮޓަރި ހިންގުމުގެ ހުއްދަ އޮތް ތަނެއް ނަމަވެސް، ގަވާއިދާ ހިލާފަށް 25 ކޮޓަރި ހަދައިގެން ހިންގަމުންދިޔަ ތަނެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، ހޮޓަލުގެ މެނޭޖްމަންޓުން ތަހުގީގަށް އެކަށީގެންވާ އެއްބާރުލުން ދީފައެއް ނުވެއެވެ. އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ހޮޓެލުގެ ވެރިމީހާއަށް ގަސްތަކާ ނުލާ މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާކަމަށް ދިއްލީ ފުލުހުން ބުނެފައިވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ