ޓައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން، ނިއު ޒީލެންޑުގެ ގާނޫނުހަދާ މަޖިލީހުގެ ހަތަރު މެމްބަރަކު އެއް އަހަރު ދުވަހަށް ޗައިނާއަށް އެތެރެވުން މަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ ނޭޝަނަލް ޕާޓީގެ މޯރީން ޕިއު އާއި، ލޭބާ ޕާޓީގެ ޑަންކަން ވެބް އާއި، އޭސީޓީ ނިއު ޒީލެންޑުގެ ލޯރާ މެކްލޯރގެ އިތުރުން ނިއު ޒީލެންޑް ފަސްޓް ޕާޓީގެ ޑޭވިޑް ވިލްސަން އަށެވެ. މި ބޭފުޅުންނަށް ޗައިނާގެ މެއިންލޭންޑަށާއި، ހޮންގްކޮންގް އަދި މަކާއޯއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. މި މެމްބަރުން ޓައިވާނަށް ދިޔައީ މިދިޔަ މެއި މަހުގައެވެ.
ޗައިނާއިން ބުނާ ގޮތުގައި މި ދަތުރުފުޅަކީ "ވަން ޗައިނާ" ސިޔާސަތާ ހިލާފު ދަތުރުފުޅެކެވެ. ނިއު ޒީލެންޑުގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވާ ގޮތުގައި، މި މެމްބަރުން މާފަށް އެދިވަޑައިގެންފިނަމަ މި ފިޔަވަޅު ލުއިކުރުން ނުވަތަ އުވާލުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް، ފިޔަވަޅު އެޅި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލޯރާ މެކްލޯރ ވިދާޅުވި ގޮތުގައި މިއީ ބިރުދެއްކުމުގެ އަމަލެކެވެ. އަދި ނިއު ޒީލެންޑަކީ މިނިވަން ދައުލަތެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ހައްގު މެމްބަރުންނަށް އޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިކަމާ ގުޅިގެން މާފަށް އެދިވަޑައިނުގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިއު ޒީލެންޑުގެ ހާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސްގެ އޮފީހުން ހާމަކުރި ގޮތުގައި، މިއީ ޓައިވާނަށް ކުރާ ދަތުރުތަކާ ގުޅިގެން ޗައިނާއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަމަށްވާތީ އެކަމާ ހައިރާންވެވަޑައިގަންނަވައެވެ. އަދި ނިއު ޒީލެންޑުގެ މެމްބަރުން ޓައިވާނަށް ދަތުރުކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށާއި، އެއީ "ވަން ޗައިނާ" ސިޔާސަތާ ފުށުއަރާ ކަމެއް ނޫން ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ޗައިނާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ނިއު ޒީލެންޑުގެ ޑިޕްލޮމެޓުންނަށް މިހާރު ވަނީ އަންގަވާފައެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ