އޮމާން ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން އެކަން ދޮގުކޮށްފިއެވެ. މިކަން ހިނގާފައިވަނީ މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުތަކުގައި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ކަނޑުގެ ސިފައިން ވަނީ އޮމާން ކަނޑުގައި އޮތް އެމެރިކާގެ ޑިސްޓްރޯޔަރަކަށް ހަމަލާދީފައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި ކޮމާންޑް މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ މި މަނަވަރަށް ހަމަލާ ދިނީ، ހޮރްމުޒް ކަނޑުއޮޅީގެ ގަވާއިދުތަކާ ހިލާފުވެ، އީރާނުގެ ވިޔަފާރި ބޯޓުތަކަށް އެމެރިކާއިން ހުރަސްއެޅުމާ ގުޅިގެންނެވެ.

ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ މި ދައުވާ ވަގުތުން ދޮގުކޮށްފައެވެ. ސެންޓްކޮމް އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި އީރާނުން ހަދަނީ ދޮގެކެވެ. އަދި ކަނޑުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ އުޅަނދުތައް އެއްވެސް ހުރަހަކާ ނުލައި ރައްކާތެރިކަމާއެކު ދަތުރުކުރަމުންދާ ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެބަސްވުން އުފެދިފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ މަސްރަހު ގޯސްވެފައިވާ ވަގުތެއްގައެވެ. ހާއްސަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.