އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މާލްވިޔާ ނަގަރުގައި ހުންނަ އިމާރާތެއްގައި ދާދި ފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގުން، އެ އިމާރާތުގައި ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ. މި ހާދިސާގައި 21 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 17 ބިދޭސީން ހިމެނެއެވެ.
ދިއްލީގެ ފަޔަރ ސަރވިސްއާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގުން ހާމަވި ގޮތުގައި، “ފްލަރިޝް ސްޓޭ” ގެ ނަމުގައި ހިންގަމުންދިޔަ މި ތަނަކީ ދިއްލީ ޓޫރިޒަމް ޑިޕާޓްމަންޓުން ހަ ކޮޓަރީގެ ބެޑް-އެންޑް-ބްރެކްފާސްޓް (ބީއެންޑްބީ) އެއް ހިންގުމަށް ހުއްދަ ދީފައިވާ ތަނެކެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް އެ އިމާރާތް ބޮޑުކޮށް، ބޭސްމަންޓާއެކު ޖުމްލަ 25 ކޮޓަރި ހަދާފައިވާކަން ވަނީ ފަޅާއަރާފައެވެ.
ދިއްލީ ފަޔަރ ސަރވިސްގެ އޮފިޝަލް އޭކޭ މާލިކް ވިދާޅުވި ގޮތުގައި، ފަސް ބުރިއަށް ނަގާފައިވާ މި އިމާރާތަށް ވަދެ ނުކުމެވޭނެ އޮތީ އެންމެ ދޮރެކެވެ. އަދި ވައި ދައުރުވާނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން، އަލިފާން ރޯވުމާއެކު މުޅި އިމާރާތަށް ވަރަށް ހަލުވިކަމާއެކު ދުމާއި ހޫނު ފެތުރިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިމާރާތުގެ ކުޑަދޮރުތައް ހުރީ ބަންދުކޮށްފައި ކަމުން، މީހުން ސަލާމަތްކުރުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށްވެސް މާލިކް ވިދާޅުވިއެވެ. އަލިފާން ނިއްވާ މީހުންނާއި އާންމުން ގުޅިގެން 40 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާއިރު، ބައެއް މީހުން ފުރާނަ ސަލާމަތްކުރުމަށްޓަކައި މަތީ ބުރިތަކުން ތިރިއަށް ފުންމާލާފައިވާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ