މ. ވޭވަށު ކައުންސިލް އިންތިހާބުގައި ބޭނުންކުރި ބައެއް ވޯޓު ކަރުދާސްތަކުގައި ހުރި ފާހަގަތަކެއްގެ ސަބަބުން، އެ ކަރުދާސްތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެއީ ބާތިލު ވޯޓެއް ކަމަށް ހައިކޯޓުން ހުކުމް ކުރުމުން އިދިކޮޅު އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލައަކީ ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު، އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މައްސަލަ ހުށަހަޅަން ޖެހުނީ، ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އީސީން ބަލައިގަތުމުންނެވެ.
އެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށް ދެ ވޯޓުގެ ތަފާތުން ކުރި ލިބުނު ނަމަވެސް، ނަޒީހު ވަނީ އެ ކަރުދާސްތަކަކީ ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގަތަކެއް ހުރި ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.
ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލައިލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ. އެ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ކަރުދާހުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.
ނަމަވެސް، ކޯޓުގެ އަގުލަބިއްޔަތު ނިންމުމުގައިވާ ގޮތަށް، އެ ތިން ވޯޓު އުނިކުރުމަށްފަހު އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން އީސީއަށް އަމުރުކުރިއެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް