ސީޒަންގެ ތެރެއިން ގިނަ ދުވަސްތަކެއް ވާންދެން އަނިޔާގައި ހުންނަން ޖެހުނު ނަމަވެސް، މިހާރު ހުރީ ރަނގަޅަށް ފިޓްވެފައި ކަމަށް ނެދަލޭންޑްސްގެ ރެކޯޑު ގޯލް ޖެހުންތެރިޔާ މެމްފިސް ޑިޕާއީ ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ޑިޕާއީ ވަނީ ގައުމީ ޓީމަށް 55 ގޯލް ޖަހައިދީފައެވެ. ކުރީން 2014ގެ އިތުރުން 2022 ވަނަ އަހަރުވެސް ނެދަލޭންޑްސްއާއެކު ވޯލްޑް ކަޕަށް ގޮސްފައިވާ ޑިޕާއީއަށް އަނިޔާވީ މާޗު މަހުއެވެ. އެއީ ފަލަމަސްގަނޑުގެ އަނިޔާއެކެވެ.

ޑިޕާއީ މިހާރު ބްރެޒިލް ލީގުގެ ކޮރިންތިއަންސްއަށް ކުޅެމުން އަންނައިރު، ނެދަލޭންޑްސްގެ ބައެއް މީޑިއާތަކުން ބުނީ އޭނާގެ ރިކަވަރީ ލަސްވީ ކްލަބަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށެވެ. ޑިޕާއީ ވޯލްޑް ކަޕަށް ފިޓް ނުވާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް ނެދަލޭންޑްސްގެ ސްކޮޑުގައި ޑިޕާއީ ހިމަނާފައިވާ އިރު، އޭނާ ބުނީ ސްކޮޑަށް ނޭރިދާނެކަމުގެ ބިރެއް އެއްވެސް އިރެއްގައި ނެތް ކަމަށެވެ.

"އަހަރެން އަސްލު އެ އަނިޔާގެ ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫން. އަހަންނަށް އެނގޭ އަނިޔާގެ ވާހަކަ ތި އަހަނީ ކީއްވެގެންކަން. އަހަންނަށް އެނގޭ އަހަރެން ވޯލްޑް ކަޕަށް ފިޓްވާނެކަން. އަހަރެންގެ ރިކަވަރީ އުންމީދުކުރި ވަރަށްވުުރެ ލަސްވި. އެއީ ތެދެއް. އެހެންވިޔަސް އެއީ ސީރިއަސް އަނިޔާއެއް ނޫން. އެހެންވީމަ އަހަރެން ހުރީ ޔަގީންކޮށްގެން ވޯލްޑް ކަޕަށް ފިޓްވާނެކަމަށް،" ޑިޕާއީ ބުންޏެވެ.

މާޗު މަހުގައި ޑިޕާއީ ކުޅުނީ ކޮރިންތިއަންސްއަށް ދެމެޗެވެ. އެއީ އެއް މެޗުގައި 29 މިނެޓް، އަނެއް މެޗުގައި 45 މިނެޓެވެ. ޑިޕާއީ ބުނީ އެއީ މައްސަލައަކަށް ނުވާނެ ކަމަށެވެ. އެއީ ބްރެޒިލްގައި އާންމުކޮށް ދެ ގަޑިއިރެއްހާއިރުގެ ޕްރެކްޓިސް ސެޝަންތައް ކްލަބުތަކުން ކުރިއަށް ގެންދާތީ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.