އއ. ތޮއްޑޫގެ ކުޅިވަރު ކުޅޭ ތަންތަން ނަމާދު ވަގުތަށް ބަންދުކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނީ ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓާއި، ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން 20:00އާއި ދެމެދު އަދި ހުކުރު ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު 14:00އާއި ދެމެދު ކުޅިވަރު ކުޅޭ ހުރިހާ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާކަމެއް ކަމަށެވެ.
"މިކަން ބެލެހެއްޓުން ޔޫތު އެސޯސިއޭޓު އައްޒާމް އަހްމަދު އަދި ސ. ސްޕޯޓްސް ކައުންސިލަރު މުހައްމަދު މާޒިންއާ ހަވާލުކުރެވިފައިވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ތޮއްޑޫ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.
ތޮއްޑޫ ކައުންސިލުން ނަމާދު ވަގުތަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމިއިރު ރައީސް އޮފީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކުޅިވަރު މަރުކަޒުތަކުގައި ނަމާދުކުރަން ހުސްވަގުތު ދޭގޮތަށް ބަދަލުކުރައްވާނެ ކަަމަށެވެ.
"ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވާންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭ ގޮތަށް، ވިއްސަަަކަށް މިނިޓް ނަމަވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަށް، މިފަދަ ކަންތައްތައް މިކުރަނީ އަޅުގަނޑުމެންގެ މުޖުތަައަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި އަޅުގަނޑުމެންގެ މުޖުތަމައުގައި އަމަލީގޮތުން ކަންކަން ތަންފީޒު ކުރެވިގެންދާން ޖެހޭނީ އަޅުގަނޑުމެންގެ މި ހަގީގަތުގެ މައްޗަށް ބިނާވެެގެންކަމަށް ގަބޫލުކުރެވޭތީ،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާާޅުވެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގެ ހަމަތަކުގެމަތީން ކަމަށެވެ.
ނަމަވެސް ކުޅިވަރު ކުޅޭ ވަގުތުތަކުގައި ނަމާދު ގަޑި ގޮސް ނިމޭއިރު ވެސް ކުޅިވަރު ކުޅެން ތިބުމަކީ ޒަމާނުއްސުރެ އޮތް އާދައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވެފައިވަނީ އެގޮތަށް ނަމާދު ގަޑި ނިމިގެންދާއިރު ކުޅިވަރުގައި ތިބުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
"އެއީ ގަސްތުގައި ކުރާކަމެއްވެސްނޫން، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާދަ، އެހެންވީމަ ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން ގޮސް ވަކި ހިސާބަކަށް ތަންފީޒު ކުރުމާ ހަމައަށް ގެންދެވިފައިވަނީ ކުޅިވަރުގެ މައިދާނުގައި، މިސާލަކަށް ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ކަހަލަ ކުޅިވަރު އެކުވެނި، ތަންތަނުގައި ވުލޫކުރާ ތަނާއެކު ނަމާދު ކުރެވޭނެ ޒަމާނީ ފެސިލީތަކެއް ގާއިމްކުރަން،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ، ބައެއް ބާވަތްތަކުގެ ކުޅިވަރު އެކުވެނިތައް ގާއިމު ކުރަން ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު އެތަންތަނުގައިވެސް އެ ނިޒާމުތައް ގާއިމު ކުރާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ހުރި ކުޅިވަރު އެކުވެންޏާއި މާފަންނު ސްޓޭޑިއަމްގައި އެ ފެސިލިޓީތައް ގާއިމް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
އއ. ތޮއްޑޫ
އއ. ތޮއްޑޫ
އއ. ތޮއްޑޫ