ސްޕޯޓްފިޝިން އަދި ވަދު މަސްވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި، މުޅިން އާ ޑިޒައިނަކަށް ތައްޔާރުކުރި ހާއްސަ ކަނދުފައްޗެއް އއ. ތޮއްޑޫ ބޭރުގައި އަޅައިފިއެވެ.

މިއީ މި ބާވަތުގެ މަސްވެރިކަމަށް އަމާޒުކޮށްގެން ރާއްޖޭގައި އެޅި މިފަދަ ފުރަތަމަ ކަނދުފައްޗެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ކަނދުފަތި އަޅާފައިވަނީ ތޮއްޑޫގެ ހުޅަނގު އުތުރު ފަރާތުން ގާތްގަނޑަކަށް ފަސް މޭލު ބޭރުގައި ކަމަށެވެ.

އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގެ އެހީތެރިކަމާއެކު މިނިސްޓްރީން ހިންގާ އޮއިވާލި ކަނދުފަތި ޑިޒައިން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މި ކަނދުފަތި ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ސަބްމާޖްޑް ނުވަތަ ސަބްސާފޭސް މޮޑެލްގެ އަސްލަށް ތައްޔާރުކޮށްފައިވާ މި ކަނދުފަތީގެ މައިގަނޑު ބައި (ފްލޯޓިން ސްޓްރަކްޗާ) އަބަދުވެސް އޮންނާނީ ކަނޑުގެ ދެފެން ދޭތެރޭގައެވެ.

ފިޝަރީޒް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިގޮތަށް ދެފެންދޭތެރޭގައި އޮންނަ ގޮތަށް ފަރުމާކުރުމުން އޮއިވަރާއި ރާޅުގެ ސަބަބުން ކަނދުފައްޗަށް ލިބޭ ގެއްލުން ކުޑަވެ، ގިނަ ދުވަހު ބޭނުންކުރެވޭނެއެވެ.