ރާއްޖޭގައި މިވަގުތު ބާއްވާ ކައިޓް ސާފިންގެ އެންމެ ބޮޑު ހަރަކާތް، ރާރާ ޕްރޯގެ ތިންވަނަ އެޑިޝަން އަންނަ އަހަރު މެއި މަހު ބާއްވަން އިއުލާނު ކޮށްފިއެވެ.
ރާރާ ޕްރޯއަކީ ރާއްޖޭގައި ބާއްވާ ކައިޓް ސާފިންގެ އެންމެ ބޮޑު ހަރަކާތެވެ. މީގެ ކުރިންވެސް ކ. ދިއްފުށީގައި ކާމިޔާބުކަމާއެކު ރާރާ ޕްރޯގެ ދެ އިވެންޓެއް ނިންމާލާފައިވާ އިރު، އެ އިވެންޓް ވެގެން ގޮސްފައި ވަނީ ދިއްފުށީގެ ފަތުރުވެރިކަމަށް ހުޅުވިގެންދާ ބޮޑު ފުރުސަތަކަށެވެ. ހާއްސަކޮށް މިދިޔަ އަހަރުވެސް ރާއްޖޭގެ އުތުރާއި ދެކުނުން އަދި ބައިނަލްއަގުވާމީ އެތުލީޓަކުވެސް ހިމެނޭހެން 31 ކައިޓް ސާފަރުން ބައިވެރިވެފައިވެއެވެ.
ރާރާ ޕްރޯގެ އެންމެ ފުރަތަމަ މުބާރާތް ކުރިއަށްދިޔައީ ރޭސިން ކެޓަގަރީ އެކަނި ނަމަވެސް، މުބާރާތް ބާއްވާ އައިކޯނިކް އިވެންޓްސްއިން މިއަހަރުގެ މުބާރާތް އެެހެން ހަރުފަތަކަށް ގެންގޮސްފައިވެއެވެ. އެއީ ސްލަލޮމް ރޭސިން ކެޓަގަރީގެ އިތުރުން ފްރީ ސްޓައިލް ކައިންޓްބޯޑިންގެ ކެޓަގަރީވެސް ތައާރަފު ކޮށްގެންނެވެ.
މިއަހަރު މުބާރާތުގައި ބައިވެރިވި ބައިނަލްއަގުވާމީ އެންމެ ވަރުގަދަ އެތުލީޓަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރު، ތައިލެންޑްގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ)އެވެ. ޔޯއަކީ އޭޝިއާގެ އެކިއެކި މުބާރާތްތައް ކާމިޔާބު ކޮށްފައިވާ ހުނަރުވެރި އެތުލީޓެކެވެ.
އައިކޯނިކް އިވެންޓްސްއިން އަންނަ އަހަރުގެ ރާރާ ޕްރޯއަށް 200 ދުވަހުގެ ކައުންޓް ޑައުންއެއް މިހާރު ފަށާފައިވާ އިރު، އަންނަ އަހަރުގެ މުބާރާތް ވެގެންދާނީ އަންހެން ޑިވިޝަން ތައާރަފުކުރާ މުބާރާތަށެވެ. މިއަހަރުގެ އިވެންޓް ނިންމާލަމުން އައިކޯނިކް އިވެންޓްސްގެ ފައުންޑާ ހަސަން ރަޝީދު (ރަޝް) ފާހަގަކުރެއްވީ މިހާތަނަށް ބޭއްވި ދެ މުބާރާތުގެ ކާމިޔާބީއާއެކު އަންހެން ޑިވިޝަން އިތުރު ކުރެވިގެން ދިޔުން ވާނީ ކުރިއެރުމަކަށް ކަމަށެވެ.
ކޮމެންޓް