ކ. ދިއްފުށީގައި މިއަދު ނިމިގެން ދިޔަ ރާރާ ޕްރޯ 2026 ގެ ފްރީ ސްޓައިލް އިވެންޓްގެ ފައިނަލް ކާމިޔާބުކޮށް، ރާރާ ޕްރޯ ފްރީ ސްޓައިލް ފުރަތަމަ ޗެމްޕިއަނަކަށް ހަސަން މާހިރު (ހަންޓޭ) ވެއްޖެއެވެ.

މިއަހަރު ރާރާ ޕްރޯގެ އެންމެ ފަހު އިވެންޓް މިއަދު ދިއްފުށީގައި ކުރިއަށް ގެންގޮސްފައިވާ އިރު، މިއަދު އޮތީ ފްރީސްޓައިލް ކެޓަގަރީގެ ފައިނަލެވެ. މިއީ ރާރާ ޕްރޯ އިވެންޓްގައި ފްރީސްޓައިލް ޑިވިޝަން ކުރިއަށް ދިޔަ ފުރަތަމަ ފަހަރަށްވީ އިރު، ހަންޓޭއަކީ ފުރަތަމަ ޗެމްޕިއަނެވެ.

ހަންޓޭ މިދިޔަ އަހަރު ރާރާ ޕްރޯގެ ރޭސިން އިވެންޓުން ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ފުރަތަމަ ޗެމްޕިއަނެއްގެ ޝަރަފުވެސް ހޯދި އިރު، މިފަހަރު ރޭސިން ޑިވިޝަނުގައި އޭނާއަކީ ދެވަނައެވެ.

މިއަދު މެންދުރުފަހު ކުރިއަށްދިޔަ ފްރީސްޓައިލް ފައިނަލް ހީޓްގައި ވާދަކުރީ ބ. ގޮއިދޫގެ ކަލްސަސް ޓީމަށް ނިސްބަތްވާ ހަންޓޭގެ އިތުރުން މުހައްމަދު ރާއިފް ޝަނީޒް (ރާއިއްޕެ)ގެ އިތުރުން މަމްނޫން ނިޔާޒް (މަންނު) އެވެ.

ފޯރިގަދަކޮށް ފެނުނު ފައިނަލުގައި ހަންޓޭ ކުރި ހޯދީ ޖުމުލަ 19.17 ގެ ސްކޯއަކުންނެވެ. ހީޓްގެ ގިނަ ވަގުތު ކުރީގައި އޮތް ރާއިއްޕެ 14.80 ގެ ސްކޯއެއް ހޯދި އިރު، ހަންޓޭ ކުރި ހޯދީ އެންމެ ފަހު ޓްރިކުންނެވެ. މަންނުވެސް ރަނގަޅު ވާދައެއް ކޮށްފައިވާ އިރު، މަންނުގެ ސްކޯއަކި 13.00 އެކެވެ.

https://www.facebook.com/permalink.php?story_fbid=pfbid0UDYBSphxdHTYThftTkFZ1H5qWwR7SCQrGZzPczR5bduiMGwQdHtziQf1gEAzSRSMl&id=61567318384297

ރާރާ ޕްރޯ 2026 ގެ ފްރީ ސްޓައިލް ފައިނަލަށް ހަންޓޭ ދަތުރުކުރީ ސެމީ ފައިނަލުގައި އޭޝިއާގެ އެންމެ ވަރުގަދަ އެއް ރައިޑާ ނަރަޕިޗިޓް ޕުޑްލާ (ޔޯ) ބަލިކޮށްފައެވެ.

މިއަހަރު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު އޮންނާނެއެވެ.