މިއަހަރު ރާރާ ޕްރޯ އިވެންޓްގެ ސްލަލޮމް ރޭސިންގައި ތައިލެންޑްގެ ވަރުގަދަ ރައިޑާ ނަރަޕިޗިޓް ޕުޑްލާ (ޔޯ) އާ ވާދަކޮށްލަން ލިބުމަކީ ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށް މިދިޔަ އަހަރު ޗެމްޕިއަން، މިއަހަރު ރޭސިން އިވެންޓްގެ ދެވަނަ ހޯދި ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) ބުނެފިއެވެ.
ހަންޓޭއަކީ ރާއްޖޭގެ އެއްވަނަ ކައިޓް ސާފަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ވަރުގަދަ އެތުލީޓެކެވެ. މިދިޔަ އަހަރުވެސް ވަރުގަދަކޮށް މުބާރާތް ކާމިޔާބުކުރި ހަންޓޭއަށް މިފަހަރު މުޅިން އާ ތަޖުރިބާއަކަށްވީ އޭޝިއާގެ އެންމެ މޮޅު އެއް ރައިޑާ ޔޯއާ ވާދަކުރަން ޖެހުމެވެ.
ޔޯއަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ނަމެވެ. އޭނާ ވަނީ އޭޝިއާގެ ކައިޓް ސާފިން ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައެވެ. އަދި ކައިޓްގައި ގަލްފް އޮފް ތައިލެންޑް ހުރަސް ކޮށްފައިވެސް ވެއެވެ.
"ސްލާލަމް ރޭސިން މިދިޔައީ ވަރަށް ޗެލެންޖިންކޮށް. ވަރަށް ޓަފްކޮށް މިދިޔައީ. ދެން ތައިލެންޑުން އައި ޔޯ އައުމާއެކު ޗެލެންޖިންވި. އޭނާއަކީ ހަތް ފަހަރު އޭޝިއާގެ ޗެމްޕިއަން، އެހެންވީމަ އެ ޗެލެންޖް އައި. އުންމީދުކުރީ ހަތަރު ރޭސް ކާމިޔާބުކުރަން. ދެން އެ ތަންކޮޅު އެޗީވް ނުވެ ދިޔައީ. އޭނާގެ ސްޓާޓިން ވަރަށް ރަނގަޅު. ހަންޓޭ އެބަ ޖެހޭ އެތަންކޮޅު އަދިވެސް ރަނގަޅުކުރަން،" ހަންޓޭ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ހަންޓޭ ބުނީ މިފަހަރު ލިބުނު ތަޖުރިބާއަކީ ވަރަށް އަގުހުރި ތަކުރިބާއަކަށް ވާނެ ކަމަށެވެ. އެއީ މީގެ ކުރިން އެ ފެންވަރުގެ ރައިޑާއަކާ ވާދަ ނުކުރެވި އޮތުން އެއީ ދިމާވި ޗެލެންޖަކަށްވާތީ ކަމަށެވެ.
"ކުރިން އަސްލު އެ ފެންވަރުގެ ރައިޑާއަކާ ޗެލެންޖް ނުކުރެވި އޮތުން އެއީ ޗެލެންޖެއް. އެ އެކްސްޕީރިއަންސް ނުލިބި އޮތުމުން ދެރަ. އެކަމަކު ދެން މިހާރު އޭނާއާ ވާދަކޮށްލެވުމުން އެ ތަޖުރިބާ ލިބިއްޖެ. ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަންވެސް ފާހަގަވެއްޖެ. އެހެންވީމަ ދެން އިރާދަކުރެއްވިއްޔާ އަންނާނީ ގަދަކޮށް،" މިދިޔަ އަހަރު ރާރާ ޕްރޯ ޗެމްޕިއަން ހަންޓޭ ބުންޏެވެ.
ބ. ގޮއިދުއަށް އުފަން ހަންޓޭއަކީ މި ސަރަހައްދުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް، ހަގު އުމުރުގައިވެސް ކާމިޔާބު ހޯދާފައިވާ އެތުލީޓެކެވެ. އިއްޔެ ކުރިއަށްދިޔަ ފްރީ ސްޓައިލް ޑިވިޝަނުގައިވެސް ހަންޓޭ ތަފާތު ދައްކައި، ފައިނަލް ޔަގީން ކޮށްފައިވެއެވެ.
ހަންޓޭ ފައިނަލް ޔަގީންކުރީ ސެމީ ފައިނަލް ހީޓްގައި ޔޯ ބަލިކޮށްގެންނެވެ. މުޅި ރާރާ ޕްރޯ 2026 އިންވެސް ހަންޓޭއާއި ޔޯގެ ވާދަވެރިކަން ފެނިގެން ގޮސްފައިވާ އިރު، އެ އެތުލީޓަކު އަނެއް އެތުލީޓަކަށް ވަރަށް ވާދަވެރި މާހައުލެއްގައި އިހުތިރާމް ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ރާރާ ޕްރޯ
ރާރާ ޕްރޯ
ރާރާ ޕްރޯ