މީގެ ދެ މަހެއްހާ ދުވަސް ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފެށި "މާލޭ ޓެކްސީ ލައިން" ގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ އެޕްލިކޭޝަން އެޕަލް ޑިވައިސްތަކަށް ލިބޭނެ ގޮތް ހަދައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެޕް ސްޓޯރު މެދުވެރިކޮށް މިހާރު އެ އެޕްލިކޭޝަން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ. އަދި އެންޑްރޮއިޑް ފޯނުތަކަށް ބޭނުންވާ ގޫގުލް ޕްލޭ ވާޝަންވެސް ވަރަށް އަވަހަށް ތައާރަފުކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭ ޓެކްސީ ލައިންގެ ހިދުމަތް މިހާރު ހޯދަން ޖެހެނީ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ނުވަތަ އެމްޓީއެލް ވެބް އެޕް މެދުވެރިކޮށެވެ. ނަމަވެސް އާ އެޕްލިކޭޝަނާއެކު ހިދުމަތް ހޯދުން ފަސޭހަވެގެންދާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ އެޕްގައި ރަޖިސްޓްރީ ކުރުމަށްފަހު، ހޯމް ޕޭޖުގައިވާ "ބުކް ނައު" އަށް ފިތާލުމުން ދަތުރު ކުރަން ބޭނުންވާ ތަންތަން ފާހަގަކޮށް ދަތުރު ބުކް ކުރެވޭނެ ކަމަށެވެ. ދަތުރު ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ދަތުރުތައް ޝެޑިއުލް ކުރުމުގެ ފުރުސަތުވެސް އެޕުގައިވަނީ ހިމަނާފައެވެ.

ފައިސާ ދެއްކުމުގައިވެސް މި އެޕް މެދުވެރިކޮށް ތަފާތު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ވޮލެޓަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ކާޑު މެދުވެރިކޮށް ދަތުރުގެ ކުރިން ބޭންކް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިތުރުން، ދަތުރު ނިމުމުން "ސްކޭން ޓު ޕޭ" މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އެސްއޯއެސް އިމަޖަންސީ ފީޗާއެއް ހިމަނާފައިވާއިރު، ޑްރައިވަރަށް މެސެޖުކުރުމާއި، ކާރުގައި އެއްޗެއް ބާއްވާފައި ފޭބިއްޖެ ނަމަ، އެކަން ރިޕޯޓުކުރުމާއި، ކޮންމެ ދަތުރަކަށްފަހު ފީޑްބެކް ދިނުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް އޮންނާނެއެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލޭގެ މެދުގައި 24 ގަޑިއިރު ހިދުމަތް ދޭ މި ޓެކްސީ ލައިން ފެށީ 150 ކާރާއެކުއެވެ. މި ހިދުމަތުގެ އަގުތައް ހުރީ ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ކަނޑައަޅާފައިވާ ރަސްމީ ރޭޓުތަކުގައެވެ. އޭޕްރީލް މަހުގެ ދެވަނަ ދުވަހު މި ހިދުމަތް ތައާރަފުކުރި އިރު، ވެބް އެޕްގެ ސެކިއުރިޓީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު ހިލޭ ދަތުރުތައް ކޮށްދީފައިވެއެވެ.

އެޕްލިކޭޝަންގެ ހޯމް ޕޭޖުގައިވާ އެކްޓިވިޓީސް ބައިން ކުރިން ކޮށްފައިވާ ދަތުރުތަކާއި، ޝެޑިއުލް ދަތުރުތަކުގެ މައުލޫމާތުވެސް ފަސޭހައިން ބަލާލެވޭނެއެވެ.