މިފެށޭ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ވާދަކުރުމަށް ތައްޔާރުވެފައިވާ ދެކުނު އެފްރިކާގެ ޓީމުން އެންމެފަހުން ގައުމުން ފުރައިފިއެވެ.
ދެކުނު އެފްރިކާގެ ޓީމުން މެކްސިކޯގެ ޕަޗޫކާގައި ކޭމްޕް ކުރަން އޮތް އިރު، ޗާޓަރު ފްލައިޓެއްގައި ފުރަތަމަ ފުރަން އޮތީ 31 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އިދާރީ މައްސަލަތަކެއް ދިމާވެ ޓީމަށް ވިސާ ހަމަޖެހުން ލަސްވެގެން ފުރުން ވަނީ ފަސްކުރަން ޖެހިފައެވެ. އެކަން ދެކުނު އެފްރިކާގެ ސަރުކާރުންވެސް ނަގާފައި ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި މައްސަލަ ބަލަންވެސް ފަށާފައިވެއެވެ.
ފަހުން ސަރުކާރުންވެސް ކުރި މަސައްކަތާއެކު، ޓީމަށް އެއްކޮށް ކަހަލަ ގޮތަކަށް ވިސާ ހަމަޖެހުނު ނަމަވެސް، އަދިވެސް އެސިސްޓް ކޯޗު ހެލްމަން އެމްހަލޭލޭއަށް ވިސާ ހަމަޖެހިފައެއް ނުވެއެވެ. ދެކުނު އެފްރިކާ ފުޓުބޯޅަ އިދާރާއިން ބުނީ ހެލްމަން ޓީމާއެކު މެކްސިކޯއަށް ގޮސްފައި ނުވާ ކަމަށެވެ. އެއީ އެމެރިކާގެ ވިސާ ނުލިބިގެން ކަމަށްވެސް ބުނެފައިވެއެވެ.
ދެކުނު އެފްރިކާ ފުޓުބޯޅައިގެ ރައީސް ޑެނީ ޖޯޑާން ވިދާޅުވެފައި ވަނީ ޖޮނަހަސެސްބާގުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުން ވަކި އެއްޗެއް އަންގާފައި ނުވާ ކަމަށާއި، ވިސާ ނުލިބެން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި ވަކި އެއްޗެއް އަންގާފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހެލްމަންއަކީ ކުރިން ގައުމީ ޓީމަށް 66 މެޗު ކުޅެފައިވާ ފުޓުބޯޅަ ލެޖެންޑެކެވެ. އޭނާއަކީ ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ކުޅުނު 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި އެޓީމަށް ކުޅެފައެވެ.
ދެކުނު އެފްރިކާއިން މިފަހަރު ގްރޫޕް އޭގައި ވާދަކުރާ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ޗެކް ރިޕަބްލިކާއި ދެކުނު ކޮރެއާ އަދި މެކްސިކޯއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ދެކުނު އެފްރިކާއިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026