އެމެރިކާގެ ހޫނުގެ އަސަރު ޓީމަށް ކުރާނެ ކަމަށާއި، މުބާރާތަށް ތައްޔާރުވުމުގެ ކުރިން އެކަމަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ވޯލްޑް ކަޕް 2026 ފެށެން ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށްވެފައިވާ އިރު، މިފަހަރުގެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައެވެ. މިދިޔަ އަހަރުގެ ކްލަބު ވޯލްޑް ކަޕުވެސް އެމެރިކާގައި ބާއްވާފައިވާ އިރު، އެމުބާރާތްވެސް ފެނުނީ އާދަޔާހިލާފަށް ހޫނު ގަދަ މުބާރާތެއްގެ ގޮތުގައެވެ. މިފަހަރުވެސް އެމެރިކާގެ ހޫނުން ކުޅުންތެރިންނަށް ގެއްލުންތައް ކުރިމަތިވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ވައިގެ ތެތްކަމާއި ހޫނުގެ އަސަރުން އަވަހަށް ވަރުބަލިވުމާއެކު އަނިޔާވުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ މާހިރުން ބުނެފައިވީ ނަމަވެސް، އެ ހޫނުން ކުޅުންތެރިން ސަލާމަތްކުރުމަށް ހޯސްޓް ގައުމުތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ހަބަރުތައް ބުނެއެވެ. ނޫސްތަކުން ލަފާކޮށްފައި ވަނީ ވޯލްޑް ކަޕް ތެރޭގައިވެސް އެމެރިކާގެ ބައެއް ސިޓީތަކުގެ އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްޝިއަސްއަށް އަރާނެ ކަމަށެވެ.

"އަހަރެމެން ޓީމަށް މިއީ އާދައިގެ ހޫނަކަށް ނުވާނެ. އަހަރެމެންނަށް މިފަހަރު ހޫނުގެ އަސަރުކުރާނެ. އަދި މެކްސިކޯގައި ކުޅޭއިރު އެގައުމު އުސްވުމުން އެކަމުގެ އަސަރުވެސް ކުރާނެ. އެހެންވީމަ އެކަންކަމަށް ސަމާލުވާން ޖެހޭނެ،" އިންގްލެންޑްގެ ކޯޗު ޓުޗެލް ބުންޏެވެ.

އިނގިރޭސި ސްކޮޑުން ހޫނަށް ހޭނުމަށް ކެރިބިއަންގެ ވެސްޓް ޕާމް ބީޗްގައި ތަމްރީނުތަކެއް ކުރަން ވަނީ ރާވައިފައެވެ. އެ ތަމްރީނުތައް ފަށާނީ 21 ކުޅުންތެރީންނާ އެކުގައެވެ. ޓުޗެލް ވަނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު އާސެނަލްގެ ބުކަޔޯ ސަކާއާއި ޑެކްލަން ރައިސް އަދި ނޮނީ މަޑުއޭކޭގެ އިތުރުން އެބެރެޗީ އެޒޭއަށްވެސް ރެސްޓް ދީފައެވެ. އޭގެ އިތުރުން ކްރިސްޓަލް ޕެލެސްއާއެކު ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ޑީން ހެންޑަސަންއަށްވެސް އޭނާ ރެސްޓް ދީފައިވެއެވެ.

ޓުޗެލް ބުނީ އަވީގައި ތަމްރީނުކުރުމަކީ ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި، އެންމެ ރަނގަޅު ޓައިމިންގައި ކަންކަން ނުކުރެވިއްޖެނަމަ އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އެހެން ނަމަވެސް މޫސުމަށް ހޭނެން ވިސްނަން ޖެހޭ ކަމަށްވެސް ޓުޗެލް ފާހަގަކުރިއެވެ.

އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދަން މަސައްކަތް ކުރާ އިރު، ޓުޗެލް ބުނީ ދިގު ސީޒަނަކަށްފަހު އަނެއްކާވެސް ހޫނުގައި ކުޅެން ޖެހުމަކީ ކަންބޮޑުވުމެއް ނަމަވެސް، އޭނާގެ ޓީމަށް މުބާރާތުގައި ދުރަށް ދެވޭނެކަމާމެދު ސުވާލެއް ނެތް ކަމަށެވެ.