ތިލަފުށީގައި ތަރައްގީކުރާ އާ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ ތެރެއިން، ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން ޝަފީގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

އެ މަޝްރޫއުގެ ދަށުން ތިލަފުށީ ބަނދަރުގައި 100 މީޓަރުގެ ކީވޯލެއް ހެދުމާއި، 6،775 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީއަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 154 މިލިއަން ރުފިޔާއެވެ. މީގެތެރެއިން ކީވޯލް ތަރައްގީކުރުމަށް 18.8 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުށި ބަނދަރު ހުޅުވައި، މާލޭގެ ބަނދަރުގެ އޮޕަރޭޝަންތައް އެއްކޮށް އެތަނަށް ބަދަލުކުރުމެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާވޭގެ މަސައްކަތްތައް ޗައިނާގެ ސީއީއެޗްސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްދާއިރު، އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.