ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހަޅައިފިއެވެ.
މަޖިލީހުގެ ހުސްވެފައިވާ ނާއިބު ރައީސްކަމުގެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން މިހާރު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، މެންބަރު ސަލީމްގެ ނަން ހުށަހަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
މެންބަރު ޒިޔާދުގެ ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ. ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ސަމީރުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އިއްޔެއާ ހަމައަށް އެމަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާ ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް