އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ސްރީލަންކާއަށް ހިންގާ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމްގެ ދަށުން، 695 މިލިއަން ޑޮލަރު ދޫކުރުމަށް އެ އިދާރާގެ އެގްޒެކެޓިވް ބޯޑުން ފާސްކޮށްފިއެވެ. މިއީ ސްރީލަންކާގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރުމަށް ކުރިއަށްގެންދާ އިސްލާހީ މަސައްކަތްތަކުގެ ފަސްވަނަ އަދި ހަވަނަ ރިވިއު ނިންމުމަށްފަހު ދޫކުރަން ނިންމި ފައިސާއެވެ. މި ފައިސާއާއެކު، އެ ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކެންޖީ އޮކަމޫރާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ސްރީލަންކާއިން އަންނަނީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. މި ޕްރޮގްރާމްގެ ސަބަބުން އެ ގައުމުގައި އިގުތިސޯދީ ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އައިއެމްއެފްގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މިއަހަރު ސްރީލަންކާގެ އިގުތިސޯދީ ކުރިއެރުން ހުންނާނީ 3 އިންސައްތައިގައެވެ. މިއީ ކުރިން ލަފާކުރި ވަރަށްވުރެ ދަށް އަދަދެއް ނަމަވެސް، ކާރިސާއަށްފަހު އައިސްފައިވާ ހެޔޮ ބަދަލެއް ކަމަށް މާލީ އިދާރާތަކުން ފާހަގަކުރެއެވެ.

އިގުތިސޯދީ ގޮތުން އުއްމީދީ ކުރިއެރުންތަކެއް ފެންނާން އޮތް ނަމަވެސް، ސްރީލަންކާއަށް އަދިވެސް މާލީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އައިއެމްއެފްއިން ވަނީ އިންޒާރުދީފައެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި، އިންފްލޭޝަން މައްޗަށް ދިއުމުގެ އިތުރުން، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ބިރު އޮތްކަން އެ އިދާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ދާދި ފަހުން އެ ގައުމަށް އެރި ތޫފާން ޑިޓްވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އިތުރު ހޭދަތަކެއް ކުރަން ޖެހިފައިވާކަންވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިހާތަނަށް އައިއެމްއެފްގެ މި ޕްރޮގްރާމްގެ ދަށުން ސްރީލަންކާއަށް 2.4 ބިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. 2022 ވަނަ އަހަރު ކުރިމަތިވި ތާރީހީ އިގުތިސޯދީ ކާރިސާއިން އަރައިގަތުމަށް ސްރީލަންކާއިން އަންނަނީ ޓެކްސް ބޮޑުކުރުމާއި، ދަރަނި ރީސްޓްރަކްޗާ ކުރުމާއި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އައިއެމްއެފްއިން ބުނި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސޯދު ކުރިއެރުވުމަށްޓަކައި މި ފިޔަވަޅުތައް ސާބިތުކަމާއެކު ކުރިއަށްގެންދިއުން މުހިންމެވެ. ކުރިއަށް އޮތް ތަނުގައިވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ސްރީލަންކާއަށް ބޭނުންވާނެކަން ވަނީ ފާހަގަކޮށްފައެވެ.