ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޑައިމަން ޖުބިލީ މުބާރާތަކީ ރަނގަޅު ފުރުސަތެއް ނަމަވެސް، އެކަން ކުރަންވާ ގޮތަށް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތް މިއަދު ފަށާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ނުކުންނަ އިރު، މުބާރާތުގެ ކުރިން ވާހަކަ ދައްކަމުން އުރުބާނީ ވަނީ މުބާރާތުން ހޯދޭނެ ކުރިއެރުންތަކަށް ވާހަކަ ދައްކައިފައެވެ. ރާއްޖެއަށް ކުރިންވެސް ކޯޗުކަން ކޮށްދީ، ކާމިޔާބީވެސް ހޯދާފައިވާ އުރުބާނީ ފާހަގަކުރީ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ލިބޭނެ ފުރުސަތެއްކަން ފާހަގަކޮށްފައެވެ.

"މިއީ ކުރިއެރުން ބަލައިލަން ލިބޭނެ ފުރުސަތަކީ. ޒުވާން ކުޅުންތެރިން ޓީމަށް ގެނައުމުން މިއީ ލިބޭނެ ކުރިއެރުމެއް. އެއީ މިވަގުތަށް ކުރަން ޖެހޭވެސް ކަމެއް. ހަމަ މިގޮތަށް ހަގީގީ ކުރިއެރުން މާނަކުރަން ޖެހޭނީ މުޅި ރާއްޖޭގެ ނިސްބަތުން އެކި ދިމަދިމާލުން ހޯދައިގެން އެންމެ ރަނގަޅު ޓީމެއް އެކުލަވާލެވެން ފެށޭގޮތަށް އޮންނަ ނިޒާމެއްގެ ތެރެއިން ކަންކަން ހިނގައިގެން. ރަނގަޅު ސީނިއާ ކުޅުންތެރިންނާ އެކު، ގައުމީ ޓީމު ފަންކްޝަން ކޮށްގެން،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ސްކޮޑުގައި ހުސް ސީނިއާ ކުޅުންތެރިން ނޫނީ ހުސް ޖޫނިއާ ކުޅުންތެރިން ނުހިމެނޭނެ ކަމަށާއި، މުބާރާތެއްގައި ވާދަކުރާ އިރު، އެ ބެލެންސް ގެންގުޅެން ޖެހޭނެކަމަށެވެ.

ރާއްޖޭގައި އަދިވެސް ޕްރޮފެޝަނަލް މާހައުލެއް ނެތް

އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއް ދުވަހު އޭނާ ކޯޗަކަށް ހުއްޓެވެ. އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރު 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވާ އިރު، އޭނާ ވަނީ ޒުވާން ޓީމާއެކުވެސް މަސައްކަތްތަކެއް ކޮށްފައެވެ.

އުރުބާނީއާއެކު 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައިވާ އިރު، ލަންކާގައި 2023 ވަނަ އަަހަރު ބޭއްވި 23 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ މަހިންދަރާޖާ އިންޓަނޭޝަނަލް ކަޕްވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

ރާއްޖޭގެ ފުޓުބޯޅައަށް ހެޔޮ ބަދަލެއް ގެނެސްދިން އުރުބާނީ އިއްޔެގެ ޕްރެސްގައި ފާހަގަކުރީ އެއިރާ އަޅައިބަލާއިރު އަދިވެސް ރާއްޖޭގައި ޕްރޮފެޝަނަލް މާހައުލެއް ގާއިމު ނުވެ އޮތުމަކީ ހައިރާންވި ކަމެއްކަމަށެވެ.

"ޕްރޮފެޝަނަލް ކަމަކީ ހަމައެކަނި ފުޓުބޯޅައިން ލިބޭ ފައިސާގައި އުޅުމެއް ނޫން. އަހަންނަށް ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމަކީ ދިރިއުޅުމަށް އަންނަ ބަދަލު. އެއީ އަދި ފައިސާ ނޫނަސް، ޕްރޮފެޝަނަލް ވެދާނެ. ހަގީގަތަށް ބުނަންޏާ އެ ދިރިއުޅުމަށް އަދި ކުޅުންތެރިންނެއް ނުހޭނޭ. އެއީ ކުޅުންތެރިންގެ އެކަނި މައްސަލައެއްވެސް ނޫން،" އުރުބާނީ ބުންޏެވެ.

އުރުބާނީ ފާހަގަކުރީ މީގެ 15 ވަރަކަށް އަހަރު ކުރިންވެސް ރާއްޖޭގެ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ވާން މާބޮޑު މޯޓިވޭޝަނެއް އޮތް ކަމަށާއި، މިހާރު ކުރިއަށްވުރެވެސް އެ ވިސްނުން ކުޑަ ކަމަށެވެ. އޭގެ ސަބަބުން އާދައިގެ ގިނަ މުބާރާތްތަކަކާއި ފުޓްސަލް މުބާރާތްތައް ކުޅެ، ފައިސާ ހޯދަން މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރިއެވެ.

އުރުބާނީ ބުނީ އެހެން ގައުމުތަކުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާއިރު، ޔޫރަޕާއި އެހެން ބައެއް ހިސާބުތަކުން އެ ތަޖުރިބާ ހޯދައިގެން ތިބި ކުޅުންތެރިން އެބަތިބި ކަމަށެވެ.