ށ. ގޮއިދޫ މިސްކިތުގެ އިމާމު، އޭނާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ ރަށުގެ ކޮމިއުނިޓީ ވައިބާ ގްރޫޕަށް ޝެއާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިމަހުގެ 27 ވަނަ ދުވަހު، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލެއް ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި، އެ ވީޑިއޯގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުންކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތުވަނީ އެ ރަށު މިސްކިތުގެ އިމާމަށެވެ. އެ އިމާމު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެ އިމާމު، ވައިބާ ގްރޫޕަށް އެ ވީޑިއޯ ފޮނުފާއިވަނިކޮށް ފެންނަ މަންޒަރު ހިމެނޭ ސްކްރީން ޝޮޓުތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.