ވޯލްޑްކަޕުގެ ސަބަބުން އެމެރިކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިފަހަރު ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމަށް ކުރިން ލަފާކުރެވުނެވެ. އެކަމަކު މިހާރު ކަށަވަރުވަނީ އެކަން ހަގީގަތަކަށް ނުވާނެ ކަމުގައެވެ. އެމެރިކާގެ ހޮޓާހޮޓަލުގެ އެސޯސިއޭޝަނުން އެންމެފަހުން ނެރުނު ރިޕޯޓަކުން އެނގޭ ގޮތުގައި ހޮޓާ ހޮޓަލުގެ ރިޒަރވޭޝަން އުޅެނީ ކުރިން އަންދާޒާ ކުރެވުނު މިންވަރަށްވުރެ މާބޮޑަށްވެސް ދަށުގައެވެ. ވޯލްޑްކަޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އެމެރިކާގެ ކޮންމެ ސިޓީއެއްގެ ހާލަތުވެސް ހުރީ އެގޮތަށެވެ. މިހާތަނަށް ފަސް މިލިޔަނަށްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށް ފީފާއިން ބުންޏަސް ކޮޓަރިތަކުގެ ބުކިންގްސް ހުރިނެތް ގޮތާއި ފީފާއިން ބުނާ އެއްޗަކާ ދިމާނުވާ ކަމަށް އެމެރިކަން ހޮޓެލްސް އެންޑް ލޮޖިން އެސޯސިއޭޝަނުގެ ރިޕޯޓެއްގައި ބުނެއެވެ. މި ެއެސޯސިއޭޝަނަކީ އެމެރިކާގެ މާކެޓްގައި އިޝްތިހާރަށް ނެރެފައިވާ ހޮޓާހޮޓަލުގެ ތެރެއިން 80 އިންސައްތަ ހޮޓެލް ތަމްސީލުކުރާ އެސޯސިއޭޝަނެވެ.

އެފަރާތުން ތުހުމަތުކުރާ ގޮތުގައި ރިޒަރވޭޝަން ދަށްވުމުގެ މައިގަނޑު ސަބަބަކީ ފީފާއެވެ. ފީފާއިން ވަނީ ގަނޑުކޮށް ވަރަށް ގިނަ ހޮޓާތައް ބްލޮކްކޮށްފައެވެ. ފީފާގެ އަމިއްލަ ބޭނުމަށެވެ. މިއީ ދުރާލައި ކޮޓަރިތައް ބްލޮކް ނުކޮށްފިނަމަ ފީފާގެ އޮފިޝަލުންނަށް ލަނޑު ލިބިދާނޭ ކަމަށް ބަލައިގެން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމަކު މިހެންހެދީމާ ހަގީގަތުގައި ލަނޑުލިބޭގޮތްވެ ފޫހިވީ ފޭނުން ކަމަށްވެސް ބުނެފައިވެއެވެ. މި ބުނުން ފީފާއިން ގަބޫލެއް ނުކުރެއެވެ. ހޮޓާ ހޮޓަލުގެ ރިޒަރވޭޝަނަކާ ފީފާގެ ނިންމުމަކާ ގުޅުމެއް ނެތްކަމަށް ފީފާއިން ދަނީ ބުނަމުންނެވެ. ކޮންމެއަކަަސް އެއްކަމެއް ޔަގީންވެއެވެ. ކޮޓަރިތައް ނުވިކުނަސް އަގުތައް އުޅެނީ އަތްފޯރާ ހިސާބަށްވުރެ މަތީގައެވެ. އެހެންއެވީ ފީފާއިން އުފެއްދި ޑިމާންޑެއްގެ ސަބަބުންނެވެ. މެޗުތަކަށް ވަނުމުގެ ޓިކެޓްވެސް އާދަޔާ ޚިލާފަށް މައްޗެވެ. އެތެރޭގެ ދަތުރުތަކުގެ އަގުވެސް އިންތިހާއަށް ބޮޑެވެ. ޓެކްސީ ދަތުރުވެސް ހިމެނޭގޮތުންނެވެ. ޚިދުމަތްތަކުން ނަގާ ޓެކްސް ނުހަނު ބޮޑެވެ. މިކަންކަން މިހެންހުރީމާ ގިނަ ފޭނުންވީ ފޫއްސެވެ.

އެމެރިކާއަށް ދިއުމުގެ ވިސްނުން ގިނަބަޔަކު ދޫކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަސްމަގު ހުރިގޮތުންވެސް ވޯލްޑްކަޕް ބަލަން އެމެރިކާއަށްދާން އެދޭމީހުން ދަނީ މަދުވަމުންނެވެ. ވޯލްޑްކަޕްގައި އެމެރިކާ އެންމެ ފުރަތަމަ ކުޅެންޖެހެނީ ޕެރަގުއާއީއާއެވެ. އެ މެޗުގެ ޓިކެޓްހުރީ އެއްހާސް ޑޮލަރުން މަތީގައެވެ. ޑޮނަލްޑް ޓްރަމްޕު ބުނެފައިވަނީ މިއަދަދަށް ޚަރަދުކޮށްގެން އޭނާވެސް ސްޓޭޑިއަމަށް ނުދާނެ ކަމަށެވެ. ޓްރަމްޕު އިތުރަށް ބުނެފައިވަނީ އެމެރިކާ ކުޅޭތަން ބަލަން އޭނާވެސް ދާން ބޭނުންކަމަށާއި އެކަމަކު ބޮޑުލާރިއެއް ހޭދަކޮށްގެން އެކަން ނުކުރާނޭ ކަމުގައެވެ. ޓްރަމްޕަކީ ޖީބުން ޚަރަދުކުރުމަކާ ނުލައިވެސް ސްޓޭޑިއަމަށް ވަދެވޭނެ މީހެކެވެ. އޭނާ އެބުނަނީ އަމިއްލައަށް ޓިކެޓް ގަނެގެން ނުވަންނާނެ ވާހަކަޔާއި އެހެން ގޮތްގޮތުން އޭނާއަށް ވަދެވޭނެ ވާހަކައެވެ. ޓްރަމްޕަށް އެހެންގޮތްގޮތް ހުއްޓަކަސް އެމެރިކާގެ އާދައިގެ ރައްޔިތުންނަށް އެހެންގޮތެއް ނެތެވެ. އަމިއްލަ ޖީބުން ޚަރަދުކުރުން ފިޔަވައި އެހެން އެއްވެސް ގޮތެއް ނެތެވެ.

ޚަރަދުތައް ހުރިނެތްގޮތް ދެނެގަތުމަށްޓަކައި އެންމެ މީހަކު އެންމެ މެޗެއް ބެލުމަށްޓަކައި ކުރަންޖެހޭ ހޭދައަށް ބަލައިލަމާބަހީއެވެ. ތުރުކީވިލާތުގައި ހުރެފައިދާ މީހަކަށް ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމާއި ޓެކްސީޔާއި މެޗު ޓިކެޓް ހިމަނައިގެން ފަސްހާސް ޑޮލަރަށްވުރެ ތިރިން އެކަމެއް ނުވާނެއެވެ. އެވެސް އަދި އެންމެ އަގުހެޔޮ ސިޓީއެއްގައެވެ. ތަޖުރިބާކާރުން ބުނަނީ ޚަރަދުގެ ގޮތުން މިއަށްވުރެ ޖީބަށް ބާރުބޮޑު ވޯލްޑްކަޕެއް އަދި ނުކުޅެވޭ ކަމުގައެވެ. ވޯލްޑްކަޕް ބަލަންގޮސް ތިބޭ ތިބުމުގައި އެހެން ކަންކަންވެސް ކުރަން ޖެހޭނެއެވެ. ރަށުތެރޭގައި އެނބުރެން ޖެހޭނެއެވެ. ތަންތަން ބަލަންވެސް ޖެހޭނެއެވެ. އެކަމަށްޓަކައިވެސް ދުވާލަކު މަދުވެގެން ދުއިސައްތަ ޑޮލަރު ކޮންމެ މީހެއްގެ ޖީބުންވެސް ޚަރަދުވާނެއެވެ. ކޮންމެއަކަސް މިހިރީއަކީ އާދައިގެ ބަޖެޓަކުން އާދައިގެ މީހަކަށް ކުރެވޭނެ ޚަރަދެއް ނޫނެވެ. އެހެންވީމާ އާދައިގެ ފޭނަކަށް އެމެރިކާއަށް ދިޔުމަކީ މިފަހަރު ކުރެވޭނޭ ކަމެއް ނޫނެވެ. ދެންއޮތީ އެމެރިކާއަށް އެތެރެވާން ވިސާ ލިބުމުގެ މައްސަލައެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގެ ސަޕޯޓަރުންނަށް އެމެރިކާއަށް އެތެރެވާން ވިސާއެއްވެސް ނުލިބޭނެއެވެ. އީރާން، ހެއިޓީ، އައިވަރީކޯސްޓް އަދި ސެނެގޯލްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނަލެވެ. މިއިން ގައުމެއްގެ ރައްޔިތަކަށް އެމެރިކާއަށް އެތެރެވެވޭނީ އެހެން ގައުމެއްގެ ޕާސްޕޯޓް އޮތިއްޔާއެވެ. އެޒާތުގެ މަނާކަމެއްނެތް ގައުމެއްގެ ޕާސްޕޯޓެކެވެ. ބްރެޒިލްއާއި ނައިޖީރިޔާގެ ރައްޔިތުންނަށް ވިސާ ލިބޭނެއެވެ. އެކަމަކު ވަރަށް ގިނަގުނަ ބެލުންތަކާއި ސުވާލުކުރުންތަކަށް ފަހުގައެވެ. މިކަމަށް ވަރަށް ގިނަ ދުވަސް ހޭދަވާނެއެވެ. އަލްޖީރިޔާގެ ރައްޔިތަކަށް އެމެރިކާއަށް އެތެރެވެވޭނީ އެތައްހާސް ޑޮލަރެއްގެ ބޮންޑެއް ބެހެއްޓުމަށްފަހުގައެވެ. ޖޯޑަންގައި ހުންނަ އެމެރިކާގެ އެމްބަސީން ވިސާ ދޫކުރުން ހުއްޓާލާފައިވާތީ ޖޯޑަންގެ ރައްޔިތަކަށް އެމެރިކާއަށް އެތެރެވެވޭނީ ތިންވަނަ ގައުމަކަށްގޮސްގެން ވިސާ ހޯދައިގެންނެވެ. އެއީ ވަރަށް ގިނަ ދުވަސް ހޭދަވާނޭ ކަމެކެވެ.

ގާނާ އާއި މިސްރަކީ އެމެރިކާއަށް އެތެރެވުމުގެ ވިސާ އާއްމުގޮތެއްގައި ރިޖެކްޓް ކުރެވޭ ނިސްބަތް ވަރަށް މަތީ ދެ ގައުމެވެ. ވޯލްޑްކަޕު ވިޔަކަސް އެކަން ބަދަލެއް ނުވާނެއެވެ. މިހިރީ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން އެކި ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުމުގައި ދިމާވެފައިވާ މައްސަލަތަކެވެ. އެހެންވީމާ އެ ގައުމުތަކުގެ ސަޕޯޓަރުންގެ ތެރެއިން އެމެރިކާއަށް ދާން ބޭނުންވާ މީހުން ވަރަށްވެސް މަދުވާނެއެވެ. ދެންއޮތީ އަދިމާބޮޑު މައްސަލައެކެވެ. ކުރީއްސުރެ އެމެރިކާއަށް އެތެރެވެގެން އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިންނަށް އެމެރިކާގެ އިމިގްރޭޝަނާއި ކަސްޓަމް އެޖެންޓުންގެ ބިރު ވަރަށް ބޮޑެވެ. މެޗު ކުޅޭ ކޮންމެ ސްޓޭޑިއަމެއްގައި މިދެންނެވި އެޖެންޓުން ހަރަކާތްތެރިވާނެއެވެ. ޗެކް ކުރާނެއެވެ. ކަރުދާސްތައް ފުރިހަމަ ނުވަންޏާ ހައްޔަރުކޮށް ޖަލަށްލާނެއެވެ. އެހެންވެ އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިންވެސް މެޗު ބަލަން ސްޓޭޑިއަމްތަކަށް ވަނުން ވަރަށް މަދުވާނެއެވެ. އެހެންވީމާ މިފަހަރުގެ ވޯލްޑްކަޕް ވެގެންދާނީ ހަގީގަތުގައިވެސް މިހާތަނަށް ބޭއްވޭ އެންމެ ފޯރިކުޑަ އެންމެ ވަނދު ވޯލްޑްކަޕް ކަމުގައެވެ.