އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކަށް ވިސްނީމާ އެންމެ ބޮޑަށް ހީކުރެވޭ އެއްޗަކީ އެމެރިކާޔާއި އީރާނުގެ މެދުގައި ހަނގުރާމައިގެ އައު ފިޔަވައްސެއް ދާދިއަވަހަށް ފެށިދާނޭ ކަމުގައެވެ. ދެ ގައުމުގެ އޮފިޝަލުންގެ ބަސްމަގުންވެސް އަރަމުންދަނީ ދުމެވެ. ބުރަބުރައިގެންދަނީ އަލިފާން ކަންޏެވެ. ދޭތެރެދޭތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ހަމަލާތައްވެސް އެބަދެއެވެ. ހުސްވި ހަފުތާ ނިމިގެންދިޔައީވެސް އެޒާތުގެ ހަމަލަތަކަކާއެކުގައެވެ. މި މަންޒަރު މިހެން ފެނުނަސް އަދި މިއަޑުތައް މިގޮތަށް އިވުނަސް ދެފަރާތުގެ މެދުގައި ޑިޕްލޮމަސީގެ މުއާމަލާތުތަކެއް ދަނީ ކުރެވެމުންނެވެ. އެކި ގައުމުތަކުގެ މެދުވެރިކަމުގެ ދަށުންނެވެ. މެދުވެރިކަން އަދާކުރަނީ ޕާކިސްތާނާއި ގަތަރާއި އޮމާނުންނެވެ. ޑިޕްލޮމަސީގެ މިދެންނެވި މުއާމަލާތަށް ވިސްނައިލީމާ ވިސްނޭ އެއްޗަކީ ދާއިމީ ސުލްހަނާމާއަކާ ދާދިކައިރިއަށް ވާސިލްވެވިފައިވާ ކަމެވެ. އެނގިފައިވާ ގޮތުގައި ސުލްހަނާމާގެ މައިގަޑު ނުގުތާތަކަށް ދެ ގައުމުވެސް މިހާރުވަނީ އެއްބަސްވެފައެވެ.
ހުރިހާ ޚިލާފުތައް މިހާރު އެއްފަރާތް ކޮށްލެވިފައިވާ ކަމަށް ބުނެވެއެވެ. އެހެންވީމާ ދެންއޮތީ ދެގައުމުގެ އެންމެމަތީ ވެރިން މިއަށް ރުހޭބަސް ދިނުމެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއެވެ. ސުލްހަނާމާގެ މައިގަޑު ނުގުތާތައް މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕުގެ މޭޒަށް ވަނީ ގެންގޮސްފައެވެ. އޭނާ ދަނީ މި ނުގުތާތަކާމެދު ވިސްނަމުންނެވެ. އޭނާ އާނއެކޭ ބުނީމާ އެއޮތީ ނިމިފައެވެ. ޓްރަމްޕު ވަނީ މިކަމާމެދު އޭނާގެ ކެބިނެޓާއެކު ބުރާސްފައްޗާއި ހުކުރުދުވަހު މަޝްވަރާވެސް ކޮށްފައެވެ. އެހެންވީމާ މިހާރު އެހެރީ ގޮތް ނިންމައިގެން ކަމަށް ގަބޫލު ކުރެވެއެވެ. ޓްރަމްޕުގެ ނިންމުންތަކާއި އޭނާގެ އުދާސްތައް އާއްމުގޮތެެއްގައި ބޭރުކުރަނީ މީސްމީޑިއާއަށް ދޫކުރާ މެސެޖުތަކުންނެވެ. ކުރިން ދެންނެވި މަޝްވަރާޔަށްފަހު ހުކުރުދުވަހު ޓްރަމްޕު ބުނެފައިވަނީ އެމެރިކާގެ އެންމެ މުހިއްމު ދެ ޝަރުތަކީ އީރާނުން ނިއުކުލިއަރ ހަތިޔާރު ލިބިނުގަތުމާއި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުން ކަމުގައެވެ.
މި ބުނުމާދޭތެރޭ ވިސްނާއިރު އޭނާ އިޝާރާތް އެކުރަނީ ސުލްހަނާމާގެ ނުގުތާތަކުގެ ތެރެއިން ދެ ނުގުތާއަކަށް ކަމަށް ގަބޫލު ކުރެވެއެވެ. ދެންހުރި ނުގުތާތަކަކީ ކޮބައިކަން ބަލައިލަމާބަހީއެވެ. އެންމެ ފުރަތަމަޔަށް އޮތީ އީރާނުގެ ޝަރުތެކެވެ. އެއީ އެމެރިކާގެ ބްލޮކޭޑް އުވައިލުމެވެ. އީރާނުގެ ބަނދަރުތަކަށް ވަންނަ އުޅަނދުތަކާއި ނުކުންނަ އުޅަނދުތަކަށް ހުރަސްނޭޅުމެވެ. ބްލޮކޭޑް އުވައިލީމާ ދެންއޮތީ އީރާނުން ފުރިހަމަކުރަންޖެހޭ ބައެކެވެ. އެއީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި އެ ކަނޑުއޮޅިޔަށް އީރާނުން އަޅާފައިވާ މައިންތައް ނަގައި ސާފުކުރުމެވެ. އެއަށްފަހު ދެންއޮތީ އަނެއްކާވެސް އެމެރިކާއިން ކުރަންޖެހޭ މަސައްކަތެކެވެ. އެއީ އީރާނާ ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމެވެ. ނުވަތަ ނައްތައިލުމެވެ. މިދެންނެވި ކަންކަން ތިރީސް ދުވަހުގެ ތެރޭގައި ކުރަން ޖެހޭނެއެވެ. އެ މުއްދަތަށްފަހު ދެން ފެށޭނީ ދެވަނަ މަރުހަލާއެވެ. އެއީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ މައްސަލަޔާ ގުޅޭ ފިޔަވައްސެވެ. އެކަމަށް ލިބޭނީ ފަސްދޮޅަސް ދުވަހުގެ މުއްދަތެކެވެ.
އީރާނާއި އެމެރިކާގެ ސުލްހަނާމާއެއްގެ މަސައްކަތުގެ ފަހު މަރުހަލާ ކުރިއަށް އެދަނީ ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވާ ޝަންގްރިލާ ސިކިއުރިޓީ ސަމިޓް ސިންގަޕޫރުގައި ފެށިގެން ކުރިއަށް ދަނިކޮށެވެ. ޝަންގްރިލާ ޑައިލޮގް ސިކިއުރިޓީ ސަމިޓަކީ އޭޝިއާ ބައްރުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ޑިފެންސް ސަމިޓެވެ. މި ސަމިޓް ބާއްވަނީ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޯރ ސްޓްރެޓީޖިކް ސްޓަޑީޒްގެ ފަރާތުންނެވެ. ސިންގަޕޫރުގައި މިފަހަރުގެ ސަމިޓް ކުރިއަށްދާނީ ހުކުރުދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ސަމިޓުގެ އެންމެ މުހިއްމު ނުގުތާތަކަކީ އީރާނާއި އެމެރިކާގެ ހަގުރާމައެވެ. އެ ހަގުރާމައިގެ ސަބަބުން ގަލްފުގެ އަރަބި ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރާއި އިގްތިސާދަށް އަރަމުންދާ ލޮޅުންތަކެވެ. އޭޝިއާގެ ގިނަ ގައުމުތަކުގެ އެދުމަކީ ވީއެންމެ އަވަހަކަށް މި ހަގުރާމަޔާއި މި މައްސަލަ ނިމުމެވެ.
އޭޝިއާގެ މިދެންނެވި ގައުމުތަކަކީ ގަލްފުގެ ތެލާއި ގޭހަށް ބަރޯސާކުރާ ގައުމުތަކެވެ. މިފަހަރުގެ ސަމިޓުގައި ބައިވެރިވާ މީހުންގެ ތެރެއިން އެކަކީ އެމެރިކާގެ ހަގުރާމަޔާބެހޭ ވަޒީރު ޕީޓް ހެގްސެތެވެ. ގަތަރުގެ ބޮޑުވަޒީރުގެ ނާއިބު އަދި ދިފާއީވަޒީރު ޝައިޚު ސައޫދު ބިން އަބްދުއްރަހުމާނާއި އޮސްޓްރޭލިޔާ އާއި ފްރާންސްގެ ދިފާއީވަޒީރުންވެސް މި ސަމިޓުގައި ބައިވެރިވެއެވެ. ޗައިނާގެ ދިފާއީވަޒީރު ޑޮން ޖުންއަކީ ކުރިން ޝަންގްރިލާ ޑައިލޮގް ސިކިއުރިޓީ ސަމިޓުން އާއްމުކޮށް ފެންނަ ބޭފުޅެކެވެ. އެކަމަކު މިފަހަރު އޭނާ ވަޑައެއް ނުގަންނަވައެވެ. މިއީ މި ސަމިޓުގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ދެވަނަ ފަހަރެވެ. ޗައިނާއިން މިފަހަރު ފޮނުވީ އެކްސްޕާޓުންނާއި ސައިންޓިސްޓުންގެ ވަފުދެކެވެ. ސިޔާސީ ބޭފުޅަކު ނުހިމެނެއެވެ. މި ސަމިޓުގައި ވާހަކަ ދައްކަމުން އެމެރިކާގެ ހަގުރާމަޔާބެހޭ ވަޒީރު ޕީޓް ހެގްސެތު ވަނީ އީރާނާއި ޗައިނާއަށް އައު އިންޒާރެއްވެސް ދީފައެވެ. އޭނާ ބުނީ ކީކޭބާވައެވެ.
ހެގްސެތު ބުންޏެވެ. އޭޝިޔާ ޕެސިފިކް ރީޖަންގައި އެމެރިކާޔާއި އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގެ މަސްލަހަތަށް ނުރައްކާވާ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އީރާނަކަށްވެސް އަދި ޗައިނާއަކަށްވެސް ނުދޭނަމެވެ. އެކަމަށް އެމެރިކާ އޮންނާނީ ހޭލައެވެ. ދެކުނު ކޮރެޔާއާއި ޓައިވާން އަދި ޖަޕާނާއި ގަލްފުގެ މުއްސަނދި ގައުމުތަމަށް އިޝާރާތް ކުރަމުން އަދި އެހެން ވާހަކައެއްވެސް ހެގްސެތު ބުންޏެވެ. އޭނާ ބުނީ މުއްސަނދި ގައުމުތަކުން ޚަރަދުނުކުރާ ކަމަށްވެއްޖެނަމަ އެގައުމުތައް ދިފާއުކުރުމުގެ ބުރަ ޒިންމާ އެމެރިކާއަކުން ނުއުފުލާނޭ ކަމުގައެވެ. އެމެރިކާގެ ބޮލަށް ޒިންމާތައް ޖަހައިގެން އަތުން ލޯލާރިއެއްވެސް ޚަރަދުނުކޮށް ތިބުމުގެ ޒަމާން މާޒީއާއެކުވެގެން ހިގާއްޖެކަމުގައެވެ. ހެގްސެތުގެ މި ބުނުމަކީ ރައީސް ޓްރަމްޕު ދޭތެރެޔަކުން ތަކުރާރުކުރާ ބުނުމެކެވެ. ޓްރަމްޕު ބުނެއެވެ. އެމެރިކާއަށް ޗަންދާ ނުދައްކާ ބަޔަކު ދިފާއުކޮށްދިނުމެއް ނެތެވެ.އެކަން ކުރެވޭނީ ފައިސާ ހޭދަކުރަންވެސް ރުހޭ މިންވަރަކުންނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ