ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއާ، ހމ. ހައިރާތު / މާލެ، އަލީ އަފްލަހު (27އ) މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ އަފްލަހުގެ މައްޗަށް މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އަފްލަހު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައިވަނީ އަފްލަހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތު ކަމަށެވެ.