މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލާފައިވާ މި ބަލީގެ 9 ކޭހެއް މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކޮށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭއިން ރޭ ބުނީ ރާއްޖެއިން ހިމަބިހި ނައްތާލެވިފައި އޮތް އޮތުން ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ބަލި ޖެހުނު މީހުންނާ ގާތްގުޅުން އޮތް ފަރާތްތަކުގެ އިތުރުން، މުޅި އާންމު ރައްޔިތުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެ ކަމަށެވެ.

އެ ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންކަމަށް އެޗްޕީއޭއިން ބުންޏެވެ. ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ދެ ޑޯޒް ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެ ފުރާނައަށް ގެއްލުންވުމުން ސަލާމަތްކޮށްދޭކަމަށް އެޗްޕީއޭއިން ބުންޏެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިރުޝާދު ދީފައެވެ.

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުންގެ ތެރެއަށް ނުގޮސް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.