އެބޯލާއަކީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސިއްހީ ކުއްލި ނުރައްކާތެރި ހާލަތެއް ކަމަށް ކަނޑައަޅާފައިވުމާއެކު އެބަލިން ރައްކާތެރިކަން ހޯދުމަށް ވޯލްޑް ކަޕް ބާއްވާ އެމެރިކައާއި ކެނެޑާގެ އިތުރުން މެކްސިކޯއިންވެސް ދަތުރުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ފިޔަވަޅުތަކެއް އިއުލާނު ކޮށްފިއެވެ.
އަންނަ މަހު 11 ވަނަ ދުވަހު އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ވޯލްޑް ކަޕް ފަށަން ތައްޔާރުވެފައިވާ އިރު، އެފްރިކާގެ ބައެއް ގައުމުތަކުގައި އެބޯލާގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ކޮންގޯގައި އެބޯލާ ފެތުރޭ މިންވަރު އިތުރުވެ، އެކަން ވަނީ ދުނިޔޭގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
ކޮންގޯއަކީ މިފަހަރު އެބޯލާ ފެތުރެން ފެށި ގައުމަށްވީ އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކައިރި ގައުމުތައް ކަމަށްވާ ޔުގާންޑާ، ދެކުނު ސޫދާނަށްވެސް އެބޯލާ ފެތުރުން އެއީ ގާތް ކަމެއް ކަމަށެވެ.
ކެނެޑާއާއި މެކްސިކޯ އަދި އެމެރިކާއިން އެކުވެގެން ނެރުނު ބަޔާނެއްގައި ބުނީ އެބޯލާއާ ގުޅިގެން އެފްރިކާ ގައުމުތަކުން އަންނަ ސަޕޯޓަރުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސީދާ ކޮން ފިޔަވަޅެއް ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އެމެރިކާއިން މިދިޔަ ހަފުތާ ނިންމާފައި ވަނީ އެގައުމުގެ ރައްޔިތުކަން އޮންނަ ފަރާތެއް ފިޔަވާ އެހެން އެއްވެސް ފަރާތަކުން މިދިޔަ 21 ދުވަހު ތެރޭގައި ކޮންގޯ. ދެކުނު ސޫދާން ނޫނީ ޔުގާންޑާއަށް ގޮސްފައިވާނަމަ، އެގައުމަށް އެތެރެ ނުވެވޭނެ ކަމަށެވެ. އަދި ކެނެޑާއިން ނިންމާފައި ވަނީ އެ ތިންގައުމުގެ ރައްޔިތުންނަށް ގައުމަށް ނުވަދެވޭނެ ކަމަށެވެ.
އޭގެ އިތުރުން އެގައުމުތަކަށް ދަތުރުކޮށްފައިވާ ކެނެޑާގެ ރައްޔިތުންވެސް ގައުމަށް އެތެރެވެވޭނީ 21 ދުވަހުގެ ކަރަންޓީނަކަށްފަހުގައި ކަމަށްވެސް އަންގާފައިވެއެވެ.
މެކްސިކޯއިންވެސް ފިޔަވަޅުތައް އަޅަން ނިންމާފައިވާ އިރު، އެގައުމުންވެސް ނިންމާފައި ވަނި ކޮންގޯ ރައްޔިތުންނަށް މިވަގުތު އެތެރެ ނުވެވޭނެ ކަމަށެވެ. އޭގެ އިތުރުން އެއާޕޯޓްގައި ސްކްރީނިން ވަރުގަދަކޮށް، އެފްރިކާގެ ބައެއް ގައުމުތަކުން އަންނަ ފަރާތްތައް ކަރަންޓީނުކުރަންވެސް ނިންމާފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026