އޮސްޓްރޭލިއާގެ އޯކްލޭންޑް އެފްސީއަށް ކުޅެމުންދާ ނިއު ޒީލެންޑްގެ ގޯލްކީޕަރު މައިކަލް ވޫޑް، ގައުމީ ޓީމުގެ ވޯލްޑް ކަޕް ސްކޮޑަށް ނެގުމާއެކު ރާވާފައިވާ ކައިވެނި ފަސްކޮށްލަން ނިންމައިފިއެވެ.
ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތަށްވީ ހިނދު، އެެ މުބާރާތުގެ ސްކޮޑަށް ނެގުމަކީ ކޮންމެ ކުޅުންތެރިއެއްގެ ކެރިއަރުގައިވެސް ލިބޭ ބޮޑު ފަހުރެކެވެ. ނިއު ޒީލެންޑް ސްކޮޑުން ޖާގަ ލިބުނު ވޫޑް ކުރިން ހުރީ އެ ހަބަރަށް އިންތިޒާރުކޮށްގެން ނޫނެވެ. އޭނާގެ ލޯބިވެރިޔާ ޒާނާ ރެންޓޮންއާ ކައިވެނި ކުރުމަށް ރާވާފައި އޮތީ ޖޫން މަހުގެ ފަހުކޮޅުގައެވެ.
މީގެ އަހަރެއްކުރިން އެންގޭޖްވި ވޫޑް މިހާތަނަށް ގައުމީ ޓީމަށް ކުޅެފައި ވަނީވެސް އެންމެ ހަ މެޗެވެ. އެހެން ނަމަވެސް ނިއު ޒީލެންޑްގެ 26 ކުޅުންތެރިންގެ ސްކޮޑުގެ ތިންވަނަ ކީޕަރަކަށް އޭނާގެ ނަން ހިމެނިފައިވެއެވެ.
ވޫޑް ބުނެފައި ވަނީ ފިއާންސޭއާއެކު ގޮތެއް ނިންމިފައިވާ ކަމަށާއި، ކައިވެނި ހަފުލާ ފަސްކޮށްލަން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. އަދި ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ މުބާރާތަކަށްވާތީ، އެ މުބާރާތަށް ކައިވެނި ކެންސަލް ކުރުން އެއީ މައްސަލައެއް ނޫންކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ވޫޑް އިތުރަށް ބުނީ ދެން ކައިވެނި ކުރާނީ އަންނަ އަހަރު ކަމަށެވެ.
ނިއު ޒިލޭންޑަކީ މިފަހަރު ވޯލްޑް ކަޕް ކުޅޭ 48 ގައުމުގެ ތެރެއިން އެންމެ ރޭންކިން ދަށް ޓީމެވެ. އެޓީމު ހިމެނެނީ އިރާން، މިސްރު އަދި ބެލްޖިއަމާ އެއް ގްރޫޕެއްގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026