ޑިޕްލޮމެޓިކް މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން، އެމެރިކާއާއި އިރާނާ ދެމެދު ގާއިމުކޮށްފައިވާ ހަމަލާ މެދުކަނޑާލުމުގެ މުއްދަތު އިތުރު 60 ދުވަހަށް ދެމެހެއްޓުމަށް ދެ ގައުމުން އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

އަލްޖަޒީރާ އަދި ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަހުމުނާމާގެ ދަށުން ހޮރްމުޒް ކަނޑުއޮޅި ވިޔަފާރި ބޯޓުފަހަރަށް ހުޅުވާލުމާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން ހިމެނެއެވެ. މީގެ ބަދަލުގައި އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރުމަށް އެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ނަމަވެސް، ބައެއް އިބާރާތްތަކާމެދު އަދިވެސް ދެބަސްވުންތަކެއް ހުރިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރެވޭނެ ވަކި ތާރީހެއް ވިދާޅުވާން އަދި ދަތިކަމަށެވެ. ހާއްސަކޮށް އިރާނުން ޔުރޭނިއަމް ފައްކާކުރާ މިންވަރާމެދު ދެ ގައުމުގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް ހުރިކަމަށް ވެންސް ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއަށް ރުހުން ދެއްވުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އިތުރު ވަގުތު ބޭނުންފުޅުވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި ފަހުމުނާމާއަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، މެދުއިރުމަތީގެ މަޝްރަހު ފިނިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.