ދަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ފެތުރެމުންދާތީ، އެގައުމުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެ ނުވެވޭ ގޮތަށް ހަދާފައިވާ އުސޫލުގެ ސަބަބުން ވޯލްޑް ކަޕަށް ދާން ޓިކެޓް ނެގި ސަޕޯޓަރުން ކަންބޮޑުވެއްޖެއެވެ.

ކޮންގޯއިން މިފަހަރު ވޯލްޑް ކަޕް ކުޅެން ތައްޔާރު ވަނީ އެތައް ދުވަހަކަށްފަހުއެވެ. އެގޮތުން 1974 ވަނަ އަހަރަށްފަހު އެޓީމުން ފުރަތަމަ ވޯލްޑް ކަޕަކަށް ތައްޔާރުވަމުންދާ އިރު، އެގައުމުގެ ތައްޔާރީތަކަށްވެސް އޮތީ އެބޯލާގެ ހިޔަނި އެޅިފައެވެ. އަދި ޓީމުވެސް އެމެރިކާއަށް ގޮސް، ފުރަތަމަ ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެމެރިކާއިން ވަނީ އަންގައިފައެވެ.

ކޮންގޯގެ އެބޯލާ އެޕިޑަމިކް، މިދިޔަ މޭ މަހު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައެވެ. އެގައުމުން އެބޯލާއަށް ޝައްކު ކުރެވޭ 900 ކޭސް ފެނިފައިވާ އިރު، އެކަމާ ގުޅުން ހުރި 223 މީހަކު މަރުވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނަމަވެސް ކޮންގޯ ރައްޔިތުންނަށް އެކި ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމުމެއް ނިންމަން ޑަބްލިއުއެޗްއޯއިން ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އެމެރިކާއިން ނިންމާފައި ވަނީ ކޮންގޯ، ޔުގަންޑާ، ސައުތު ސޫދާނަށްވެސް މިދިޔަ 21 ދުވަހު ތެރޭގައި ދަތުރުކުރި މީހެއްނަމަ އެމެރިކާއަށް ނުވަދެވޭނެ ކަމަށެވެ.

އެ ނިންމުމާއެކު ކޮންގޯގެ ފުޓުބޯޅަ އިދާރާއިން ފީފާއަށް އެދިފައި ވަނީ އެގައުމުގެ ސަޕޯޓަރުންގެ ޓިކެޓްތަކުގެ ރިފަންޑް ހޯދައިދޭން މަސައްކަތް ކުރުމަށެވެ. ކޮންގޯގެ ފެޑެރޭޝަނުން ބުނީ އެއްވެސް ސަޕޯޓަރަކުން ވޯލްޑް ކަޕް ނުބެލި، އެކަމުގެ ބުރަ އުފުލަން ޖެހިގެން ނުވާނެ ކަމަށެވެ.

އެކަމާ ފީފާއިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.