އީރާނުގެ ރައްޔިތުން ހައްޖުދުވަހުގެ ސުލްހަ މަސަލަސްކަންމަތީ ތިއްބައި އެމެރިކާއިން ވަނީ ވަރަށް ވަރުގަދަ ހަމަލާތަކެެއް އީރާނުގެ ދެކުނުބިތުގެ ބައެއް އަމާޒުތަކަށް ދީފައެވެ. ހަމަލަތައް މެދުކަނޑަައިލުމަށް ދެފަރާތުން ވެފައިވާ ވަގުތީ އެއްބަސްވުން މުޅިން އިރައިލުމަށްފަހުގައެވެ. އެމެރިކާއިން ހަމަލަދިނީ އީރާނުގެ އެންމެ ބޮޑު ބަނދަރުކަމަށްވާ ބަންދަރު އައްބާސްގައިވާ ބައެއް ތަންތަނަށެވެ. ޑްރޯނާއި މިސައިލް ބޭނުންކޮށްގެންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ މިއީ އެމެރިކާގެ އަރުމާދުގެ ސަލާމަތަށްޓަކައި ދެވުނު ހަމަލާތަކެއް ކަމުގައެވެ. ހަލާކުކޮށްލެވުނީ އީރާނުގެ ކޯސްޓަލް މިސައިލް ބެޓެރީތަކާއި ހޮރުމުޒް ކަނޑުއޮޅިއަށް މައިންއަޅާ އުޅަނދުތަކެއް ކަމަށްވެސް ބުނެފައިވެއެވެ. މިފަހަރުގެ ހަމަލާތައް އަމާޒުވި ބަންދަރު އައްބާހަކީ ހޮރުމުޒް ކަނޑުއޮޅިޔާ އެންމެ ބަޔާޅީސް މޭލު ދުރުގައިވާ ބަނދަރެކެވެ. އީރާނުގެ ކަނޑުގެ ލަޝްކަރުގެ އެންމެ މުހިންމު މަރުކަޒަކީވެސް އެއީއެވެ.

މިހިސާބުން އުފެދެނީ ވަރަށް ބޮޑު ސުވާލެކެވެ. ހަގުރާމަ އަލުން ފެށުނީހެއްޔެވެ. މަޝްވަރާގެ މައްޗަށް ބަޑިޔާއި ބޮން އިސްވީ ހެެއްޔެވެ. މި ސުވާލު އުފެދެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގަތަރުގެ މެދުވެރިކަމުގެ ދަށުން ދާއިމީ ސުލްހަނާމާއެއް ގާއިމުކުރުމަށްޓަކައި އެމެރިކާއިން އެދިގެން ގަތަރުގެ ދޯހާއަށް އީރާނުގެ ވަރަށް މަތީފަންތީގެ ވަފުދެެއް ޒިޔާރަތްކުރި ވަގުތާއި އެމެރިކާއިން ހަމަލަދިން ވަގުތު އެއްވަގުތަކަށް ވުމުންނެވެ. އީރާނުގެ ވަފުދުގައި ޕާލަމެންޓުގެ ސްޕީކަރު ގާލީބާފާއި ޚާރިޖީވަޒީރު އަރާގްޗީ ހިމެނިވަޑައިގެންނެވިއެވެ. އެމެރިކާގެ ހަމަލަތަކާ ގުޅިގެން އީރާނުގެ ވަފުދުވަނީ އެނބުރި ތެހެރާނަށް ގޮސްފައެވެ. ހަގުރާމަ އަލުން ފެށުނީކަން ނުވަތަ ނޫންކަން އެނގޭނީ އީރާނުނުން ދެން ކަންތައްކުރާ ގޮތަކުންނެވެ. މި ލިޔުން ލިޔާއިރު އީރާނަކުން އަދި އަސްކަރީ ރައްދެއް ނުދެއެވެ. ދީފައިވަނީ ބަހުގެ ރައްދެކެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަރުކަށި އަވަސް ރައްދެއް ދޭނޭ ކަމުގައެވެ. އެކަމާމެދު ޝައްކު ނުކުރުމަށެވެ.

މި އިންޒާރުން އެނގި ކަށަވަރުވަނީ އީރާނުން ރައްދު ހަމަލަ ދޭނޭކަމެވެ. ނޭނގެނީ ހަމަލަދޭނެ ވަގުތަކާއި ތަނަކާއި މިންވަރެވެ. އެމެރިކާގެ ހަމަލަތައް ހުއްޓުވުމުގެ ދިފާއީ އޮޕަރޭޝަނުގެ ތެރޭގައި އެމެރިކާގެ އެންމެ ޒަމާނީ އަދި އެންމެ އަގުބޮޑު ޑްރޯންތަކުގެ ތެރެއިން ޑްރޯނެެއް އީރާނުން ވަނީ ވައްޓާލައިފައެވެ. މިކަމުން ޔަގީންވީ ހަމަލާތައް ހުއްޓާލައިގެން ތިބި މުއްދަތުގެ ތެރޭގައި އީރާނުގެ ވައިގެ ދިފާއީ ގާބިލްކަން އެއްދަރަޖަ ނުވަތަ ދެދަރަޖައަށް ކުރިއަށް ޖައްސާލާފައިވާ ކަމެވެ. ފަހަރުގައި މިއީ އަޖުމަ ބަލައިލުމުގެ ގޮތުން ދިން ހަމަލައެއްކަމަށް ވެދާނެއެވެ. ކޮންމެ ގޮތެއްވިޔަސް ދެން ކަންކަން ފުރޮޅިގެންދާނީ އީރާނުން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އިވޭއަޑުތަކާއި ފެންނަ ފެނުމަށް ބުރަވާއިރު އެމެރިކާއިން މިފަހަރުދިން ހަމަލާތަކަކީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ހަމަލަތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. އަދި މިކަމެއް ކުރީ އީރާނުގެ ކޯސްޓަލް މިސައިލް ބެޓެރީތަކުގެ ނުރައްކާ އެމެރިކާގެ މަނަވަރުތަކަކަށް ސީދާގޮތެެއްގައި ފޯރުމުން ކަމަށްވެސް ވެދާނެއެވެ.

އެމެރިކާޔާއި އީރާނުގެ ހަގުރާމަޔަށް ވަގުތީ މެދުކެނޑުމެެއް ގެނެވުނީ އެޕްރީލް އަށެއްގައެވެ. ޕާކިސްތާނު މެދުވެރިވެގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އިސްވެ ހަމަލަތައް މެދުކަނޑައިލީ އެމެރިކާއިންނެވެ. ދާއިމީ ސުލްހަނާމާއެއް ފައިދާކުރެވޭތޯ އެންމެ ބޮޑަށް ބާރުއަޅަނީވެސް އެމެރިކާއިންނެވެ. އެޒާތުގެ ސުލްހަނާމާއެއް ވުޖޫދުވުމާ ދާދިގާތަށް މިހާރު ވާސިލްވެވިފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. އީރާނުންވެސް އެކަން ކަށަވަރުކޮށްދެއެވެ. މިހިސާބަށް ދެވިފައިވަނިކޮށް އެމެރިކާއިން އީރާނަށް އަލުން ހަމަލަދިނުމަކީ ވަރަށްވެސް އެހެންކަހަލަ ކަމެކެވެ. މިހެންތިބެފައި ހިތަށްއެރީމާ ދިން ހަމަލައެއް ކަމަށް ގަބޫލުކުރަންވެސް ދައްޗެވެ. އެހެންވީމާ ދެން އެންމެ ކައިރިގޮތެެއް ކަމަށް ފެންނަނީ އީރާނުންވެސް ރަމްޒީ ރައްދެއް ދީފައި ވައުދު ފުއްދުނީކަމަށް ނިންމުމެވެ. މީގެކުރިންވެސް މިކަހަލަ އެއްދުވަސް ވަނީ ފެނިފައެވެ. ދެފަރާތުގެ މެދުގައި އެދުވަހުވެސް ހަމަލާތަކެއް ބަދަލު ކުރެވިފައި ހަމައެދުވަހު ވަނީ މައިތިރިވެގެންފައެވެ.

މިފަހަރުވެސް ވުން އެންމެ ކައިރިކަމަށް ފެންނަނީ އެގޮތެވެ. އިތުރަށް މަސްރަހު ހޫނުނުކޮށް މައިތިރިވެގަތުމެވެ. އެހެން ހީވާންޖެހޭ ސަބަބު ކުރިންވެސް ދަންނަވައިލެވިއްޖެއެވެ. ދެފަރާތުގެ މެދުގައި ޑީލެއް ގާއިމުވުމާ ނުހަނު ގާތަށް ވަނީ ދެވިފައެވެ. ރައީސް ޓްރަމްޕު ބުނާގޮތުން މިފެށޭ ހަފުތާގައި ސޮއިވެސް ކުރެވިދާނެއެވެ. މިހާތަނަށް އެވަރުގެ ޔަގީންކަމެއް ދީފަައި ނުވަނީ އީރާނުންނެވެ. އެކަމަކު މިހަފުތާގެ ހޯމަދުވަހު އީރާނުގެ ޚާރިޖިއްޔާއިން ވަނީ ޑީލެއް އުފަންވެދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ޚިލާފު އުފެދުފައިވާ ވަރަށް ގިނަ ނުގުތާތަކާމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ. އެހެންކަމަށް ވަންޏާ ދެން އަލުން ހަގުރާމަ ފެށުމުގެ ބޭނުމެއް އޮންނާނެ ކަމަށް ނުފެނެއެވެ. މަސްރަހު ގޯހުން ގޯހަށް ބަދަލުކުރުމުގެ ނިޔަތް އެއްވެސް ބަޔަކު ގެންގުޅުމުގެ މަގުސަދެއް އޮންނާނެ ކަމަކަށްވެސް ނުފެނެއެވެ. ހިސާބުޖެހީމާ ފެންނަ މަންޒަރަކީ އެއީއެވެ.

މިވާހަކަ މިގޮތަށް ދައްކާއިރު މައްސަލައިގެ ދެކޮޅުގައި ތިބި ގައުމުތަކުގެ ހަސަދަވެރިކަމާއި ރުޅިވެރިކަން ހުރިނެތްގޮތަށް ރިއާޔަތްކުރުންވެސް މުހިންމެވެ. އެމެރިކާގެ ހުންގާނުގައި އެހެރީ ޑޮނަލްޑް ޓްރަމްޕެވެ. އޭނާއަކީ ގޮތްއެނގޭ މީހެއް ނޫނެވެ. އަދި ގޮތް ދަންނަ މީހެއްވެސް ނޫނެވެ. އޭނާ ގަބޫލުކުރާ ކަމަށް ފެންނަނީ އިޒްރޭލުގެ ނަތަންޔާހޫގެ ބަހެވެ. ނަތަންޔާހޫއަކީ ސުލްހަ ބޭނުންވާ މީހެެއް ނޫނެވެ. އަނެެއްކޮޅުން އީރާނުގެ ގައުމީ ސަލާމަތާގުޅޭ ކަންކަމުގައި ފަހުބަސް ވިދާޅުވަނީ ރައީސެއް، ޕާލަމެންޓުގެ ސްޕީކަރެއް، ޚާރިޖީވަޒީރެއް ނޫނެވެ. އެބޭފުޅަކީ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއެވެ. އޭނާ ބުރަވެވަޑައިގަންނަވާ ކަމަށް ފެންނަނީ އިންގިލާބީ ގާޑުންގެ ކޮމާންޑަރުގެ ރައުޔަށެވެ. އިންގިލާބީ ގާޑުން ތިބީ ދޫދޭ ވިސްނުމުގައެއް ނޫނެވެ. އެހެންވީމާ މަސްރަހު އިތުރަށް ހޫނުވެ ހަގުރާމަ އަލުން ފެށުމަކީވެސް ވެދާނެ ކަމެކެވެ. މުސްތަހީލު ކަމެއް ނޫނެވެ. މިހުރިހާ ކަމަކާމެދު ވިސްނާފައި ދެން ދަންނަވަންއޮތް އެއްޗަކީ ބަލަންތިބެމާ ހިނގާށެވެ.