ހުޅަނގު ވިލާތުގެ ގައުމުތަކަށް އާދަޔާހިލާފު ހޫނުގެ ރާޅެއް އަރައި، ފަރަންސޭސިވިލާތުން ހަތް މީހުން މަރުވެއްޖެއެވެ.

މިއީ މެއި މަހެއްގައި މި ސަރަހައްދަށް މިހާ ބޮޑަށް ހޫނުގަދަވި ފުރަތަމަ ފަހަރު ކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ހޫނުގެ ރާޅުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިންއަށެވެ. ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ފިނިހޫނުމިން 34 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ އިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައެވެ.

ފަރަންސޭސިވިލާތުގެ މޫސުމާބެހޭ އިދާރާ، މެޓިއޯ ފްރާންސްއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި ގައުމުގެ އެވްރެޖު ފިނިހޫނުމިން ވަނީ 24.4 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ. މިއީ 1944 ވަނަ އަހަރަށްފަހު މެއި މަހެއްގައި އެ ގައުމުގެ ފިނިހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ކިއޫ ގާޑަންސް ސަރަހައްދުގެ ފިނިހޫނުމިން 34.8 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރައިފައެވެ. އަދި ސްޕެއިންގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި އާދަޔާހިލާފު ހޫނުމިނުގެ ސަބަބަކީ އުތުރު އެފްރިކާއިން އައިސްފައިވާ ހޫނު ވައިގެ "ހީޓް ޑޯމް" އެއް ޔޫރަޕްގެ މަތީގައި ޖަމާވެފައި އޮތުމެވެ.

މީގެ ސަބަބުން އާންމުކޮށް މެއި މަހު ހުންނަ ފިނިހޫނުމިނަށްވުރެ 12 އާއި 16 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ފިނިހޫނުމިން ވަނީ މައްޗަށް ގޮސްފައެވެ.

އިނގިރޭސިވިލާތުގެ މެޓް އޮފީހުގެ މޫސުމާބެހޭ ތަޖުރިބާކާރު ގްރެގް ޑިއުހަސްޓް ވިދާޅުވި ގޮތުގައި، މިއީ މޫސުމަށް އަންނަ ބަދަލުތައް ހާމަކޮށްދޭ ވަރަށް ސާފު ހެއްކެކެވެ. އަދި ފަރަންސޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފަދަ ހޫނުގެ ރާޅުތައް ގިނަވެ، އޭގެ އަސަރުކުރާ މިންވަރު އިތުރުވާނެއެވެ.

މި ހޫނުގެ ރާޅާ ގުޅިގެން އާންމު ސިއްހަތަށް ނުރައްކާވެފައިވާ އިރު، ފަރަންސޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނު މޯޑް ބްރެޖެއޯން ވިދާޅުވި ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން މިހާތަނަށް ހަތް މީހުން ވަނީ މަރުވެފައެވެ.

މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ހޫނުގަދަވުމުގެ ސަބަބުން މޫދަށާއި ކޯރުތަކަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެންނެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.