ކުރިއަށް އޮތް ވޯލްޑް ކަޕް 2026 ގައި އިރާނުގެ މެޗުތައް ކުޅެން އޮތީ އެމެރިކާގައި ނަމަވެސް، އެޓީމަށް އެމެރިކާއަށް އެތެރެވެވޭނެ މަގުތަނަވަސް ކޮށްދެވިފައިނުވާތީ، މެކްސިކޯއިން އެ ޒިންމާ ނަގާފައިވާ ކަމަށް ރައީސާ ކްލައުޑިއާ ޝެއިންބައުމް ވިދާޅުވެއްޖެއެވެ.

އިރާނުން ކުރިން ނިންމާފައި އޮތީ މިފަހަރު ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.

އޭގެފަހުން އެމެރިކާގައި ކުޅެން އޮތް ގްރޫޕް ސްޓޭޖު މެޗުތައް މެކްސިކޯގައި ކުޅޭ ގޮތަށް ބަދަލުކޮށްދޭން އެދުނު ނަމަވެސް، ފީފާއިން އެކަމަށް ބުނީ ނޫނެކޭއެވެ. އިރާނުން ފަހުން ތުރުކީގައި ކޭމްޕްކޮށް ވޯލްޑް ކަޕަށް ދާން ތައްޔާރުވި ނަމަވެސް، އެމެރިކާގެ ވިސާ ހަމަޖެހިފައެއް ނުވެއެވެ. އެއީ ފީފާވެސް އެކަމުގެ ތެރެއަށް ވަދެގެންނެވެ.

އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހްދީ ތާޖާއެކު ފީފާއިން އިސް އޮފިޝަލުން ދާދިފަހުން ބައްދަލުކޮށްފައިވާ އިރު، އިރާނުން ބުނީ އެމެރިކާގެ އެރިޒޯނާގައި ކުރަން އޮތް ވޯލްޑް ކަޕް ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަން ކުރީ ފީފާ އެއްބަސްވެގެންނެވެ.

މެކްސިކޯގެ ރައީސާ ވިދާޅުވީ އިރާން ހޯސްޓް ކޮށްދޭން އެދުނީ ފީފާއިން ކަމަށާއި، އެކަމާ ދެކޮޅަށް ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެކަން އެހެން ދިމާވީ އެމެރިކާއިން އިރާން ހޯސްޓް ކުރަން ބޭނުން ނުވާތީ ކަމަށްވެސް ރައީސާ ޝެއިންބައުމް ވިދާޅުވިއެވެ.

އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ދެމެޗެއް ސިއެޓަލްގައި ކުޅެން ޖެހޭ އިރު، އަނެއް މެޗު ކުޅޭނީ ލޮސް އެންޖަލަސްއެވެ. އެގައުމުން ބުނީ އެ ދެ ސިޓީއާވެސް ތިޖުއާނާ މާ ކައިރި ކަމަށެވެ.

ކުރިން އިރާނުން ކޭމްޕް ކުރަން އޮތީ އެރިޒޯނާގައެވެ. އެރިޒޯނާގައި ތިބެފައި މެޗަށް ދިޔުމަށްވުރެ އިރާން އެެއާގެ ފްލައިޓާ ތިޖުއާނާއިން މެޗުތަކަށް ދާން ފަސޭހަވާނެ ކަމަށް އިރާނުން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން އިޒްރޭލާއެކު އިރާނަށް ހަމަލާތައް ދިންތާ ކުޑަ ދުވަސްކޮޅެއްފަހުން އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިރާނަށް ރައްކާތެރިކަން ނުދެވޭނެ ކަމަށެވެ. އެކަމުގައި ފީފާ ނުރުހުންވުމުން ފަހުން ރާގު ބަދަލުކޮށް އިރާނަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވި ނަމަވެސް، ޓްރަމްޕް އަނެއްކާވެސް ފެއިލްވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.