އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ގެއްލުމާއެކު އޭސީ މިލާނުން ކޯޗު މަސިމިލިއާނޯ އަލެގްރީ މަގާމުން ދުރުކޮށްފިއެވެ.

މިލާނުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ވާދަކުރަމުން ގޮސް، ގަދަ ހަތަރަކުން ޖާގަ ގެއްލުނީ އެންމެ ފަހު މެޗުންނެވެ. އެއީ ފަހު މެޗުގައި 2-1 ގެ ނަތީޖާއަކުން ކަގިލިއާރީ ކައިރިން ބަލިވުމާ ގުޅިގެންނެވެ. އެޓީމުން ނިންމާލީ ފަސްވަނައިގައެވެ. އެއީ 38 މެޗުން 70 ޕޮއިންޓާއެކުގައެވެ.

އިޓަލީ ލީގުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ހޯދީ ޗެމްޕިއަން އިންޓަ މިލާނާއި ނަޕޯލީގެ އިތުރުން ރޯމާ އަދި ކޯމޯއެވެ. މިއީ ކޯމޯއިން އެ ކްލަބުގެ ތާރީހުގައިވެސް ޗެމްޕިއަންސް ލީގު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މިލާނުން ކޯޗު އެލެގްރީ މަގާމުން ދުރުކޮށް ނެރުނު ބަޔާނުގައި ބުނީ ސީޒަނުގެ ބޮޑުބައެއްގައި އެޓީމުން ދިޔައީ ލީގަށް ވާދަކުރަމުން ނަމަވެސް، ސީޒަނުގެ ފަހުކޮޅުގައި ފެނުނު ނަތީޖާތައް ގަބޫލުނުކުރެވޭނެ ކަމަށެވެ. ހާއްސަކޮށް އެންމެ ފަހު މެޗުން ބަލިވެގެން ދިޔަ ދިޔުން އެއީ ކްލަބުން މާޔޫސްވި ސަބަބެއް ކަމަށްވެސް ބުނެފައިވެއެވެ.

މިއީ އެލެގްރީ، 58، މިލާންގެ ކޯޗުކަން ކޮށްދިން ދެވަނަ ފަހަރެވެ. އޭނާ މިލާނާ ހަވާލުވީ މިދިޔަ އަހަރު މޭ މަހުގައެވެ. އެއީ ސާޖިއޯ ކޮންސެސާއޯގެ ބަދަލުގައެވެ. މިލާނަށް މައްސަލަ ދިމާވީ ސީޒަނުގެ ފަހުކޮޅުގައެވެ. އެއީ އެންމެފަހުން ކުޅުނު 13 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވުމުންނެވެ.