އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.
އެ ލިސްޓްގައި ހިމެނެނީ، ޖުމްލަ 4121 މީހުންނެވެ.
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ބައި އިލެކްޝަންގައި ވޯޓުލުމަށް ހަތް ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އޭގެ ތެރެއިން އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވަނީ ފަސް ފޮއްޓެވެ. އަނެއް ދެ ފޮއްޓަކީ މާލޭސިޓީގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ބަހައްޓާ ދެ ފޮއްޓެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ ވެރިކަން ހިންގާ ޕީއެންސީން ވާދަކުރާ އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީން ވާދަކުރާ، އައްޑޫސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ.
އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ގޮނޑި ގެއްލުމުން އެ ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީން ވާދަކުރާނެ މެންބަރަކު ހޮވުމަށް ބޭއްވި ޕީއެންސީގެ ޕްރައިމަރީވެސް ސިނާން ކާމިޔާބު ކުރިއެވެ.
ނަމަވެސް އެ ޕްރައިމަރީގައި އޭނާއާ ވާދަކޮށް ބަލިވި، އަހުމަދު ސައީދު (ސޮޑާ) އަށް ދާއިރާގެ ޓިކެޓް ދޫކޮށްލަން ފަހުން ސިނާން ނިންމީއެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ސޮޑާއަށް ލިބުނީ ސިނާން ޓިކެޓް ދޫކޮށްލުމުންނެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން