އަލްހާ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާތީ، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

ޓީވީއެމްގެ "ހެނދުނުހެނދުނާ" ގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ސްކޮޑްރަން ކޮމާންޑާ، ލެފްޓިނެންޓް ކާނަލް އަހުމަދު ފައިޒާން ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ހއ. އަތޮޅުން ފެށިގެން އެންމެ ދެކުނުގެ އައްޑޫ ސިޓީއާ ހަމައަށް ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ދަށުން ވީހާވެސް ގިނަ އުޅަނދުތަކެއް ބަލައި ފާސްކުރަމުންދާ ކަމަށެވެ. އެ މަސައްކަތަށް އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު މިހާރު ވަނީ އެކި ސަރަހައްދުތަކަށް ފޮނުވާފައިކަމަށް އޭނާ ވިދާޅުވިއެވެ.

ފައިޒާން ވިދާޅުވީ ކޯސްޓްގާޑުން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ އުޅަނދުފަހަރުގައި ހުންނަންޖެހޭ ފުރާނަ ސަލާމަތްކުރާ ވަސީލަތްތައް ހަމައަށް ހުރިތޯއާއި، އެ ތަކެތީގެ މުއްދަތު ހަމަވެފައިވޭތޯ ކަމަށެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދަތުރުވެރިންގެ ސަލާމަތަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފައިޒާން ވިދާޅުވިއެވެ.

މީގެ އިތުރުން، އީދު ޗުއްޓީގައި މޫދު ކުޅިވަރުތައް ކުޅޭއިރު ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށާއި، ކުޑަކުދިންނާއެކު މޫދަށްދާ ފަރާތްތަކުން އެކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެ ދަތުރެއްގައިވެސް ލައިފްޖެކެޓް ބޭނުންކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.

މުދާ އުފުލާ އުޅަނދުތަކާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ، ރޭގަނޑު ވަގުތުތަކުގައި ބިދޭސީ ފަޅުވެރިންނާ ހުންގާނު ހަވާލުކުރުމުގެ ސަބަބުން ފަރަށް އެރުމުގެ ހާދިސާތައް މިދުވަސްވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، މޫސުން ގޯސްނަމަ ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ދަތުރުކުރާނަމަ ފުރިހަމަ ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.