އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނަށް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ ކެމްޕޭންގެ ތެރެއިން ގިނަ ރަށްތަކަކަށް ވަޑައިގަންނަވާ އިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ މިއަދު ހިންނަވަރަށް ވަޑައިގެންނެވުމުންނެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށަށް ވެފައި، އެ މަނިކުފާނުގެ ތާއީދު ބޮޑު ރަށަކަށް ވާތީއެވެ.
ރައީސް ނަޝީދު މިއަދު ހިންނަވަރަށް ވަޑައިގެން ފުރަތަމަ ވެސް ވަޑައިގެންނެވީ ރައީސް ސޯލިހުގެ ގެކޮޅު، ނޫރާނީއާގެއަށެވެ. އެ ގެއިން ނަޝީދު ވަނީ ނަޝީދާއި ސޯލިހާއި ކުރީގެ ރައީސް ޔާމީންގެ ސެކްރެޓަރީގެ މަގާމު ފުރުއްވި ސޯލިހުގެ ކޮއްކޯފުޅު ފާތިމަތި މުހައްމަދު ސޯލިހު (ފާތޭ)އާ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން ވެސް ނަޝީދު ވަނީ ހިންނަވަރުގެ ގިނަ ގެތަކަށް ޒިޔާރަތްކުރައްވައިފައެވެ.
ރައީސް ސޯލިހު ވަނީ ދާދި ފަހުން ހިންނަވަރަށް ވަޑައިގެން، އިންތިހާބުގައި ނަޝީދާ ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާންކުރައްވައިފައެވެ.
މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ޖަލްސާގައި ސޯލިހު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނަޝީދު އަދި އެ މަނިކުފާނުވެސް މިވަގުތު ކުރައްވަންވީ ކަމަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީއަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާ އެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ" ސޯލިހު ވިދާޅުވެފައިވެއެވެ.
ނަޝީދު ޕާޓީއަށާއި ގައުމަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް އިހުތިރާމް ކުރެއްވި ނަމަވެސް، ޗެއާޕާސަން އިންތިހާބުގައި މީކާއިލްއަށް ތާއީދުކުރަން ނިންމެވީ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށް ވިސްނުމަށްފަހު ކަމަށް ސޯލިހު ވިދާޅުވެފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު