އިނގިރޭސި ދެވަނަ ޑިވިޝަން ކަމަށްވާ ޗެމްޕިއަންޝިޕްގެ ޕްލޭ އޮފް ފައިނަލް މެޗުގައި 1-0 އިން މިޑްލްސްބްރާ ބަލިކޮށް، ހަލް ސިޓީން އަނެއްކާވެސް އެނބުރި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެއެވެ.
ވެމްބްލީގައި ކުޅުނު ޕްލޭ އޮފް ފައިނަލުގައި ހަލް ސިޓީއާ ދެކޮޅަށް ފުރަތަމަ ނުކުންނަން އޮތީ ސައުތުހެމްޓަން ނަމަވެސް، އީއެފްއެލްއިން ސައުތުހެމްޓަން ލީގު ޕްލޭ އޮފް އިން ބޭރުކޮށްލިއެވެ. އެއީ ސީޒަން ތެރޭގެ އިތުރުން ޕްލޭ އޮފް ތެރޭގައިވެސް އިދިކޮޅު ޓީމުތަކުގެ ޓްރެއިނިން ސެޝަންތަކަށް ގޮސް ޖާސޫސް ކުރުމުގެ މައްސަލައެއްގައެވެ.
ގާތްގަނޑަކަށް 85،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ހަލް ސިޓީގެ ހަމައެކަނި ގޯލް ޖަހައިދިނީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އޮލީ މެކްބާނީއެވެ.
މެޗުން މޮޅުވެ ހަލް ސިޓީން އެއް މެޗުން ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ޔަގީންކުރި އިރު، އެޓީމު ސީޒަނުގައި ރެލިގޭޓް ނުވެ ސަލާމަތްވެއްޖެނަމަ ޕްރިމިއާ ލީގުގެ ޓީވީ ފައިސާއާއެކު 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ޖެއްސޭނެ ފުރުސަތު އޮވެއެވެ. ޗެމްޕިއަންޝިޕް ފައިނަލްގެ އަގު އަރައިގެން ގޮސްފައި ވަނީ ޓީވީ ރައިޓްސް ފައިސާގެ އިތުރުން ސްޕޮންސާޝިޕް އަދި ބެޓިން ފައިސާގެ ޖުމުލަ އަދަދާއެކުގައެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ މުބާރާތަކީ ފީފާއިން ދާދިފަހުން ބޭއްވި ކްލަބު ވޯލްޑް ކަޕް ކަމަށްވީ އިރު، އެފަހަރު ޗެމްޕިއަން ޗެލްސީއަށް ޖުމުލަ ޖެހުނީ 125 މިލިއަން ޑޮލަރެވެ. އެހެންކަމުން ޗެމްޕިއަންޝިޕް ޕްލޭ އޮފްއަކީ އެ މުޅި މުބާރާތުން ކްލަބަކަށް ޖެހޭ ވަރަށްވުރެވެސް އާމްދަނީ ބޮޑު މެޗެކެވެ.
ހަލް ސިޓީން ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ އިރު، އެޓީމުން އެންމެފަހުން ކުޅުނީ 2016/17 ވަނަ އަހަރުގެ ސީޒަނުގައެވެ. ހަލްއިން މިފަހަރު ޕްލޭ އޮފްއަށް ދިޔައީ ލީގުގެ ހަވަނަ ހޯދައިގެންނެވެ. ޕްލޭ އޮފްގައި ކުޅޭނީ ހަތަރަކުން ހަޔަކާ ދެމެދުގެ ޓީމުތަކެވެ. 2010 ވަނަ އަހަރު ކާޑިފް ސިޓީއަށްފަހު ހަލް ސިޓީ ވެފައި ވަނީ ހަވަނައިގައި ނިންމާލައިގެން ޕްލޭ އޮފް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު