އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުން ޑިފެންޑަރު ހެރީ މެގުއާއަށް ޖާގަ ނުދިނުމަކީ ހައިރާންކަން ލިބުނު ކަމެއް ކަމަށް ކުރިން ގައުމީ ޓީމަށް ކުޅުނު ވޭން ރޫނީ ބުނެފިއެވެ.

އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އިއުލާނުކުރި ސްކޮޑުން ބައެއް މަޝްހޫރު ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވެއެވެ. ތަރިންގެ އިންގްލެންޑް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު މެގުއާ ފާހަގަކޮށްލެވުނު އިރު، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން އަދި ޗެލްސީގެ ތަރި ކޯލް ޕާމާ ހިމެނެއެވެ. އޭގެ އިތުރުން ލޫކް ޝޯއާއި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްވެސް ސްކޮޑަސް ނަގާފައިނުވާ އިރު، ޓުޗެލްގެ ސްކޮޑަށް ވަނީ ފާޑު ކިޔުންވެސް އަމާޒުވެފައެވެ.

މެގުއާ ވަނީ އެންމެފަހުން އިންގްލެންޑް ކުޅުނު ދެ ވޯލްޑް ކަޕުގައިވެސް ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ޔޫރޯ 2020 އާއި 2024 ގައިވެސް މެގުއާއަކީ އިންގްލެންޑްގެ މުހިއްމު ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދިޔަ އިރު، އެފަހަރު ކުއާޓާ ފައިނަލުގައި މެގުއާ ގޯލްވެސް ޖެހިއެވެ. ޔޫރޯ 2020 އަދި 2024 ގައި މެގުއާއަށް އަނިޔާއާ ކުރިމަތިވި ނަމަވެސް 2020 ގެ ޔޫރޯގައި މެގުއާ މުހިއްމު ރޯލެއް ކުޅުނެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ކުޅުނު މެގުއާ މިހާތަނަށް އިންގްލެންޑަށް 66 މެޗު ކުޅެފައިވެއެވެ.

ޔުނައިޓެޑަށް ސޮއިކުރި ފުރަތަމަ ދުވަސްކޮޅުގައި މެގުއާގެ ފޯމު ދަށްކޮށް ފެނުނު ނަމަވެސް އޭނާ ގައުމީ ސްކޮޑުން ޖާގަ ހޯދިއެވެ. އެއާ ހިލާފަށް މިފަހަރު ސީޒަންގެ ފަހުކޮޅުގައި ޔުނައިޓެޑްގެ ފޯމު ރަނގަޅުވި އިރު، މެގުއާވެސް ފެނުނީ ފޯމު ރަނގަޅު ކޮށެވެ.

"މެގުއާގެ ނަން ނެތުމަކީ އަހަންނަށް ލިބުނު ހައިރާންކަމެއް. އެއީ އަހަންނަށް ފެނުނު އެންމެ ބޮޑު ނިންމުން،" އުމުރުން 40 އަހަރުގެ ރޫނީ ބުންޏެވެ.

އިންގްލެންޑަށް 120 މެޗު ކުޅެ، 53 ގޯލް ޖަހައިދީފައިވާ ރޫނީ ބުނީ ފޯމަށް ބަލާ އިރު، މެގުއާ ސްކޮޑުގައި ހިމެނެން ޖެހޭ ކަމަށެވެ.

"މެގުއާގެ ފޯމަށް ބަލާއިރު އޭނާ ސްކޮޑުގައި ހިމެނެން ޖެހޭ. އެކަމަކު ޓުޗެލް މެގުއާ ނުނެގީ އިހުތިރާމުކުރުމުގެ ގޮތުން ކަމަށްވެސް ވެދާނެ. އެއީ ނަގާފައި ފުލްކޮށް ނާރުވާ ބައިދަން ޖެހިދާނެ ކަމަށް ބެލީ ކަމަށްވެސް ވެދާނެ. ސީދާ ޓުޗެލްގެ ވިސްނުމެއް ނޭނގެ. އެކަމަކު އަހަންނަށް އެނގޭ ޑިފެންޑަރާވެސް ޓުޗެލް ވަރަށް ބޮޑަށް މަޝްވަރާ ކޮށްފއި އެ ނިންމުން ނިންމާނީ. އަހަރެން ޓުޗެލްއަށް އިތުބާރު ކުރަން. އެއީ އޭނާގެ ޓްރެކް ރެކޯޑަށް ބަލާފައި،" ރޫނީ ބުންޏެވެ.

ޓުޗެލްއަށް ތައުރީފު ކުރަމުން ރޫނީ ބުނީ ސައުދީ ލީގުގައި ކުޅެމުންދިޔަ ފޯވަޑް އިވާން ޓޮނޭ ސްކޮޑަށް ނެގުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފެންނަ ކަމަށެވެ.