ކަރެކްޝަނަލް ސާވިސްގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުހައްމަދު ދީދީއަށް ލިބެންޖެހޭ ރިޓަޔާމަންޓްގެ ހުރިހާ އިނާޔަތްތަކެއް ބަންދު ނޫން 14 ދުވަހުގެ ތެރޭގައި ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ރިޓަޔާ ކުރެއްވި އިބްރާހީމް މުހައްމަދު ދީދީއަށް، ރިޓަޔާމަންޓް ބެނިފިޓްގެ ގޮތުގައި އެއް ފަހަރާ ދޭންޖެހޭ ފައިސާއާއި މަހުން މަހަށް ދޭންޖެހޭ އިނާޔަތްތަކުގެ އިތުރުން މެޑިކަލް އިންޝުއަރެންސްގެ ހިދުމަތް މިހާތަނަށް ދައުލަތުން ފޯރުކޮށްދީފައެއް ނުވެއެވެ.

އެހެންވެ އެ އިނާޔަތްތައް ހޯދުމަށް އޭނާ ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފައެވެ. ދައުވާގެ ދިފާއުގައި ކަރެކްޝަންސްއިން ބުނެފައިވަނީ، އެ ފައިސާ ހަމަޖައްސައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީގައި ދެ ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށާއި، ނަމަވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ފައިސާ ދޫކުރުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާތީ، މި މައްސަލައިގައި ކަރެކްޝަންސް ޒިންމާދާރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ، ކަރެކްޝަންސްއިން މި މައްސަލައިގެ ތެރެއަށް ފިނޭންސް މިނިސްޓްރީ ތަދައްހުލް ކުރުވަން އެދިފައިނުވާތީ، އިނާޔަތްތައް ދިނުމުގެ ޒިންމާ ކަރެކްޝަންސްއިން އުފުލަންޖެހޭނެ ކަމަށެވެ.

ދެހާސް ހަވަނަ ވަނަ އަހަރުން ފެށިގެން ޕްރިޒަންސްގައި ހިދުމަތް ކުރެއްވި އިބްރާހީމް މުހައްމަދު ދީދީއަކީ 2 ޖަނަވަރީ 2019 ގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ.