ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ތުހުމަތުގައި މީހަކަށް ދައުވާކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ތ. ވިލުފުށީ މޫނިމާގެ އާދަމް އަދްލާން ލަތީފުގެ މައްޗަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި އެ މައްސަލާގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ އެނގިހުރެ ކޮމްޕިއުޓާ ސިސްޓަމެއްގައި ނުވަތަ ސްޓޯރޭޖެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާއާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، އަދްލާންގެ މައްޗަށް ތިން އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އޭނާ އެ އަމަލު ހިންގާފައިވަނީ ބައިނޭންސް އެކްސްޗޭންޖް ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީ މެދުވެރިކޮށެވެ. އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތަކުގެ ފޮރެންސިކް ތަހުލީލުތަކުން، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ވަނީ ފެނިފައެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހު އޭނާ ހައްޔަރުކުރި ނަމަވެސް، މިހާރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް