ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ މަޝްހޫރު ދިވެހި ފިލްމު "ސޮރީ" ގެ ވަދާއީ ޝޯތައް މިމަހު 26 ވާ ހޮނިހިރު ދުވަހާއި، 27 ވާ އާދީއްތަ ދުވަހުގެ އިތުރުން 28 ވާ ހޯމަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ނިންމައިފިއެވެ.

މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ "ނަހޫ" ގެ އެންމެ ފަހުގެ ޑައިރެކްޝަން އެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަންވިދާ ގިނަ ތަރީންތަކެއް ހިމެނޭހެން ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަށް ވަނީ ބެލުންތެރީންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

ނަހޫ ބުނީ މި ހުކުރު އަދި ހޮނިހިރު ދުވަހު އަޅުވަން ހަމަޖެހިފައި ވަނީ "ސޮރީ" ގެ އެންމެ ފަހު ހަފުތާ ބަންދު ޝޯ ކަމަށެވެ. މިއަށްފަހު ދެން އޮލިމްޕަހުގައި އަޅުވާނީ ފިލްމުގެ ވަދާއީ ޝޯއެވެ. ފިލްމު އަޅުވަން އޮލިމްޕަސް ނެގި ތާރީހު ތިން ފަހަރަށް އިތުރު ކޮށްފައިވާއިރު، ފިލްމު އޮލިމްޕަހުން ނަގަން ނިންމީ ދެން އިތުރު ތާރީހެއް ނުލިބުމުން ކަމަށްވެސް ނަހޫ ބުންޏެވެ.

"ސޮރީ" ގެ ޝޯތައް ލަންކާ އަދި ތައިލެންޑުގައިވެސް އަޅުވާފައިވާއިރު، ފިލްމު ބަލަން ދިޔަ އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާ ފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ފިލްމު ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ދައްކާފައެވެ.

މިދިޔަ މަހު 17ގައި ދައްކަން ފެށި ފިލްމު ސޮރީ ސްކްރީނުން ބަލައިލަން ބޭނުން ނަމަ މިއީ އެންމެ ފަހުގެ ފުރުސަތެވެ. މި ޝޯތަކުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ހޮޓްލައިން ނަންބަރު 7844422އަށް ގުޅައިގެން ގަނެވޭނެ އެވެ.