ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް ހަދަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިރޭ ގެނެސްދިން "އަހާ ފޯރަމް"ގައި މިނިސްޓަރު އެހެން ވިދާޅުވީ އޮލިމްޕަސް އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރެވޭތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އޮލިމްޕަސް ހުއްޓުމަކަށް ގެނެސްގެން ހައްލެއް ހޯދުމުގެ ބަދަލުގައި، އާ ސިނަމާއެއް ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މަޝްވަރާކޮށްގެން ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު ސިނަމާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ތައްޔާރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް. މިކަން ކުރަން ބޭރުގެ ޕޮޓެންޝަލް އިންވެސްޓަރުންނާ ވާހަކަދެއްކިއްޖެ. މީކީ ތޯތޯއަށް ރުއްސަން ދައްކާ ވާހަކައެއް ނޫން. އެމީހުންނާ ބައްދަލުވެއްޖެ، އެމީހުން ތިބީ ތައްޔާރަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިނަމާއަކީ މުނިފޫހިފިލުވާނެ ވަސީލަތެއް ކަމަށާއި، ސިނަމާއެއްގައި ހަތަރެއް ނޫނީ ހަ ފިލުމު އެއްފަހަރާ އެޅުވޭނެ ފެންވަރު ހުންނަން ޖެހޭ ކަމަށެވެ.
"ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހިފިލުވާ ތަނެއް. އެތަނުން އެކި ފިލްމުތައް ބަލަން ވަދެވޭނެ ގޮތަށް ސިނަމާ ތަރައްގީ ކުރާނީ. ހަތަރެއް ނޫނީ ހަ ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ،" އަސްވާޑު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެއްފަހަރާ ގިނަ ފިލްމުތަކެއް އެޅުވުމަކީ ޕްރޮޑިއުސަރުން ބޭނުންވާ ކަމެއް ކަމަށާއި، އާ ސިނަމާއެއްގެ ސަބަބުން ގިނަ ފިލުމުތަކެއް އެއްފަހަރާ އަހަރުގެ އެކި ދުވަސްތަކުގައި އެޅުވޭނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)