ޕޭ ފްރޭމްވޯކް އެކުލަވާލާފައިވާ ގޮތުން، އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ މުސާރަ ދަށްވެފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޕޭ ފްރޭމްވޯކުން މުސާރައަށް ގެނައި ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުގެ މުސާރަތައް ކުޑަވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ކުރި ޝަކުވާތަކަކާ ގުޅިގެން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިިންވަރުބަލާ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.

މެންބަރު ހުށަހެޅުއްވި މައްސަލައާ ގުޅިގެން، އެކަމުގައި ކަން ހިނގާފައިވާގޮތް ބެލުމަށް، ޕޭ ކޮމިޝަނާއި، ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ.

އެ ބެފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު ވިދާޅުވީ، އަދާކުރާ ވަޒީފާ އާއި މުސާރަ އާއި އިނާޔަތް ކަނޑައަޅާއިރު އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށެވެ. އެގޮތުން އާމްދަނީއަށްވުރެ ހަރަދު ބޮޑުވެގެންދާނަމަ މުސާރަ ދިނުމާއި އެނޫންވެސް ކަންކަމަށް ހުންނަ ފައިސާ މަދުވާނެކަމަށް ވެސް ވިދާޅުވިއެވެ.

އާމްދަނީއަށްވުރެ ހަރަދު އިތުރުވާނަމަ ދަރަނި ނަގަން ޖެހޭކަން ފާހަގަކުރައްވައި ސާއިދު ވިދާޅުވީ، ދަރަނި ނެގުމުން އޭގެ އަސަރު ވަރަށް ގިނަ ގޮތްގޮތަށް ކުރާ ކަމަށެވެ. އަދި ދަރަނީގެ ދެމެހެއްޓެނިވި ކަމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން 2017 ވަނަ އަހަރު ނެގި ދަރަންޏެއް އެއްފަހަރު ރީފައިނޭންސް ކުރުމަށްފަހު ދައްކައި ނިމިފައިވަނީ މިއަހަރު ކަމަށާއި، 10 އަހަރު ވަންދެން ސަރުކާރުން ވަނީ އިންޓްރެސްޓް އަދާކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

އެންމެންވެސް މުސާރަ ބޮޑުވާން އެދޭއިރު، އެ މުސާރަ ބޮޑުކުރާ ގޮތަކީ ދެކޮޅު ޖެހޭ ގޮތަކަށް ވާންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ބޮޑުވާ މުސާރައަށްވުރެ ގައުމުގައި ތަކެތީގެ އަގުވެސް މާބާރަށް އުފުލިގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ، ޕޭ ކޮމިޝަނުން ޕޭ ފްރޭމްވޯކް އެކުލަވާލިއިރު ވަރަށް ގިނަ ކަންކަމަށް ވިސްނާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުން މަސައްކަތްތައް ރާވައިގެން އިތުރަށް މުވައްޒަފުން ނުނަގައި ކުރެވޭނެ ނިޒާމަކަށް ކަންކަން ރާވަން ޖެހޭކަމަށް ވިދާޅުވިއެވެ.