ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ޓަކައި، ވިލިމާލޭގެ ފުނަވާ ސަރަހައްދުގެ ގަސްތައް ކެނޑުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައެއްނުގަތެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި 3،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރަން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން ވިލިމާލޭގެ މުހްޔިއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ހުރި ބިޔަ ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށައިފައެވެ.

އެކަމާ ގުޅިގެން ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގައިވާ ގޮތަށް ވިލިމާލޭގެ ފުނަވަލުގެ ގަސްތައް ހިމާޔަތްކޮށް ދަމަހައްޓައި، ރައްޔިތުންގެ އާންމު މަސްލަހަތުގެ ދިފާއުގައި، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހުމައިދާ އަބްދުލް ގަފޫރާއި އަހުމަދު އިކުރާމެވެ.

އެ ފަރާތްތަކުން ސުޕްރީމް ކޯޓުގައި އެދުނީ ފުނަވަލުގައި އެއްވެސް މަޝްރޫއެއް ފެށުމުގެ ކުރިން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާފައި ނެތުމުން ފިޔަވަޅު އަޅައިދިނުމަށާއި ހިމާޔަތުގެ ދަރަޖަ ދީފައި ހުރި ގަސްތަކަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލަށް އަންގައި އަމުރު ކޮށްދިނުމަށެވެ

ފުނަވަލުގައި ހުރި، ހިމާޔަތްކޮށްފައިވާ ގަސްތަކުގެ ދަފްތަރު ގަވާއިދާ އެއްގޮތަށް އަދާހަމަކޮށް، އެ ގަސްތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރާން ޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަ ކުރުމަށް ވެސް ސުޕްރީމް ކޯޓުގައި އެދުނެވެ. އަދި ފުނަވަލުގައި ކުރިއަށް ގެންދާ މަޝްރޫއުއަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއްކަމުން، މިފަދަ މަޝްރޫއެއް ވިލިމާލޭ ފުނަވަލުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، މަޝްރޫއު ހުއްޓާލުމަށް ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި އެދިފައި ވެ އެވެ.

ގާނޫނާއި ގަވާއިދުތަކާއި ހިލާފު ނުވެ، ދެމެހެއްޓެނިވި ތަރައްގީ އާއި ދިރޭތަކެތީގެ ނަސްލެއް ނެތިގެން ނުދާނެ އަދި ތިމާވެށި ހަލާކު ނުވާނެ ގޮތަށް، ގުދުރަތީ ވަސީލަތްތައް ބޭކާރު ނުވާނެ ގޮތަށް، އިމާރާތްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ނަމަވެސް، އެއީ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ ކޯޓަށް މައްސަލަ ބަލައިނުގަތުމަށެވެ.